ސަންޗޯއާ މެދު ޑޯޓްމަންޑް ކޯޗުގެ ރާގު ބަދަލުވެއްޖެ
ސަންޗޯއާ މެދު ޑޯޓްމަންޑް ކޯޗުގެ ރާގު ބަދަލުވެއްޖެ

ބާލިން (ޖޫން 16) - އިންގްލެންޑުގެ ވިންގާ ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައި ވެސް ބޮރޫޝިއާ ޑޯޓްމަންޑުން ފެންނާނެ ކަމަށް މީގެ ކުރިން އެ ޓީމުގެ ކޯޗު ލޫޝިއަން ފާވްރޭ ބުނި ނަމަވެސް މިހާރު އޮތް ހާލަތުން އެކަން ބަދަލުވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

ސަންޗޯއާ މެދު ޑޯޓްމަންޑް ކޯޗުގެ ރާގު ބަދަލުވެއްޖެ
ސަންޗޯއާ މެދު ޑޯޓްމަންޑް ކޯޗުގެ ރާގު ބަދަލުވެއްޖެ

މިދިޔަ ޖެނުއަރީ މަހު ފާވްރޭ ވަނީ އަންނަ ސީޒަނުގައި އުމުރުން 20 އަހަރުގެ ސަންޗޯ އެ ޓީމުން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. އެކަމަކު ފަހަކަށް އައިސް މީޑިއާގައި ސަންޗޯ ބޭނުންވަނީ އަލުން އިނގިރޭސި ޓީމަކާ ގުޅެން ކަމަށް ދެކެވޭ ވާހަކައިގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ފާވްރޭ ބުނީ ފެންނަން އޮތް ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އަހަރެން މި ބުނީ ޔަގީނުން ވެސް ޑޯޓްމަންޑުން ސަންޗޯ ދާނެއެކޭ ނޫން. އެކަމަކު މިހާރު ހާލަތުން ފެންނަން އޮތީ ސަންޗޯގެ ސިކުނޑީގައި ވެސް ތަފާތު ހިޔާލުތަކެއް އެނބުރޭތަން. ސީޒަނަށް ފަހު ވާގޮތެއް ބަލަމާ. ކްލަބްތަކުން ކުޅުންތެރިން ދާނެ. އުއްމީދަކީ އަހަރެމެން ބޭނުންވާ ކުޅުންތެރިން މަޑުކުރުން. އެކަމަކު އެ ކުޅުންތެރިން ވެސް ދާނެ،" ފާވްރޭ ބުންޏެވެ.

ދާދި ފަހުން، ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ބޯކޮށަން ދިއުމުގެ ސަބަބުން ޖަރުމަނު ލީގު ބޯޑުން އަދަބުދިން ކުޅުންތެރިންގެ ތެރޭގައި ސަންޗޯ ހިމެނެ އެވެ.

ޔޫތު ކެރިއަރު ވަޓްފޯޑުގައި ހޭދަކުރި ސަންޗޯ 2015 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ ސަންޗޯ ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑާ ގުޅިފަ އެވެ. އެ ޓީމުގައި ސަންޗޯ އަންނަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސަންޗޯ ގަންނަން އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީގެ އިތުރުން ލިވަޕޫލް ވެސް ހިމެނެ އެވެ. ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގު އުޅެނީ 130 މިލިއަން ޑޮލަރުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސަންޗޯގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑް އެވެ.

ޑޯޓަމަންޑަށް މިހާރު ގާތްގަނޑަކަށް މި ފަހަރުގެ ޖަރުމަނު ލީގު ގެއްލިފައިވާއިރު، އަންނަ ސީޒަނުގެ ޔޫރަޕްގެ ޖާގައެއް އެ ޓީމަށް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ފާވްރޭ ވަނީ ސީޒަނުގައި ކުރިއަށް އޮތް މެޗުތަކުގައި ނަތީޖާ ނެރުމަށް ވުރެން ކުޅުންތެރިންގެ ސިއްހަތަށް ވިސްނައި ގާތްގާތުގައި ކުޅެން ޖެހޭ މެޗުތަކުގައި ޓީމު ރޮޓޭޓްކުރާނެ ކަމަށެވެ.

ލީގުގައި ދެ ވަނައިގައި އޮތް ޑޯޓްމަންޑް މާދަމާރޭ ކުޅޭ މެޗުގައި ނުކުންނާނީ މައިންޒާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ޑޯޓަމަންޑް ކުޅޭނީ ތިން ވަނައިގައި އޮތް އާރްބީ ލިޕްޒިގާ ދެކޮޅަށެވެ.