މެގަ މޯލްޑިވްސްގެ ބޯޓުތަކަށް ވެސް ނޯޓު 7ގެ ފޯނު އެރުވުން މަނާކޮށްފި
މެގަ މޯލްޑިވްސްގެ ބޯޓުތަކަށް ވެސް ނޯޓު 7ގެ ފޯނު އެރުވުން މަނާކޮށްފި

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން ވެސް ސެމްސަންގް ގެލެކްސީ ނޯޓު 7 ގެ ފޯނު އެ އެއާލައިންގެ މަތިންދާބޯޓުތަކަށް އެރުވުން މަނާކޮށްފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެސް ނޯޓު 7 އިއްޔެ މަނާކޮށްފައި ވަނިކޮށް، މެގަ މޯލްޑިވްސް އިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ އެ ވައްތަރުގެ ފޯނު އެ އެއާލައިންގެ އެއްވެސް ބޯޓަކަށް އެއްވެސް ގޮތަކަށް ނޭރުވޭނެ ކަމަށެވެ. އެ ގޮތަށް ނިންމަން ޖެހުނީ، އެ އެޑްވައިޒަރީގައި ބުނި ގޮތުގައި، ސެމްސަންގާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ދީފައިވާ އިންޒާރުތަކާ ގުޅިގެންނެވެ.

ގެލަކްސީ ނޯޓް 7 މާކެޓަށް ހަމަ ނެރުނު ތަނުން ބައެއް ފޯނުތަކުގައި ހުޅުހިފައި ދިމާވި މައްސަލައިގައި ވަނީ ނުރައްކާތެރި ހާދިސާތަކެއް މެދުވެރިވެފަ އެވެ. ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ ސަބަބުން ބައެއް މީހުން ފިހި އަލިފާނުގެ ހާދިސާތައް ވެސް ހިނގި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީން ވަނީ މަތިންދާބޯޓުތަކުގައި އެ ވައްތަރުގެ ފޯނު ބޭނުން ނުކުރަން އަންގައިފަ އެވެ. އެ އެންގުމާ ގުޅިގެން، ސިންގަޕޯ އެއާލައިންސް އާއި އެހެން ބައެއް އެއާލައިންތައް ހިމެނޭ ގޮތަށް ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތަކުން ވަނީ ބޯޓުތަކުގައި އެ ފޯނު ބޯޓަށް އެރުވުން މަނާކޮށްފަ އެވެ.

‏‎ސެމްސަންގުން ވަނީ ފޯނުގެ ބެޓެރި އަށް އެ މައްސަލަ ދިމާވި ހިސާބުން ފޯނުތައް އަނބުރާ ހަވާލުކުރަން އަންގައިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުން އެ ކުންފުނިން ވަނީ ނޯޓު 7 އުފެެއްދުން ވެސް ހުއްޓާލައިފަ އެވެ.