15 ޖޫން 2020 - 13:27

އިސްލާމްއާބާދު (ޖޫން 15) - ޕާކިސްތާނުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މި މަސް ނިމޭއިރު ދެ ގުނައަށް އަރައި މަހެއްހާ ދުވަސް ފަހުން މިލިއަނަކަށް ވުރެ މައްޗަށް އަރައިފާނެ ކަމަށް އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އަސަދު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ މި އިންޒާރު އައިސްފައި ވަނީ ޕާކިސްތާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ އިރު ވެސް ގިނަ ބަޔަކު ސިއްހީ ގައިޑްލައިންތަކަށް ތަބާނުވާ ކަމުގެ ޝަކުވާއާ އެކު އެވެ.

ޕާކިސްތާނުން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 144,478 މީހުން ޕޮޒިޓިވްވެ 2،729 މީހުން މަރުވެފަ އެވެ. މިއަދު މެންދުރާ ހަމައަށް ވަނީ 5،248 މީހުން ޕޮޒިޓިވްވެ 97 މީހުން މަރުވެފަ އެވެ. ޕާކިސްތާނުން ބަލި ޖެހުނު މީހުންގެތެރޭން ރަނގަޅުވެފައި ވަނީ 88،028 މީހުންނެވެ.
ޕާކިސްތާނުގައި އެކަށީގެންވާ ގޮތެއްގައި ޓެސްޓް ކުރަމުން ނުދާތީ، އެ ގައުމުގައި ޕޮޒިޓިވްވެފައި ތިބި މީހުންގެ ހަގީގީ އަދަދު ނޭނގޭނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
"އެސްއޯޕީތަކަށް އަމަލު ނުކޮށް، ކަންކަން ފަސޭހަކޮށްލާ ނަމަ، ޕާކިސްތާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ޖޫން މަސް ނިމޭއިރު 300،000 އަށް އަރައިފާނެ ކަމަށް ލަފާ ކުރެވޭ،" ޕާކިސްތާނުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ކޯޑިނޭޓިން ކޮމިޓީ އަށް އެހީތެރިވެދޭ ޕްލޭނިން މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "އަންނަ މަސް ނިމޭއިރު ޕޮޒިޓިވް މީހުންގެ ޖުމްލަ 1.2 މިލިއަނަށް މައްޗަށް ހިނގައިދާނެކަމުގެ ބިރު ބޮޑު."
ޔޫރަޕުގެ ގައުމުތަކާއި އެނޫން ވެސް ސަރަހައްދުތަކުން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަމުންދާއިރު ޕާކިސްތާނާއި ސައުތު އޭޝިއާގެ އެހެން ބައެއް ގައުމުތަކުގައި ބަލި މީހުންގެ އަދަދު ދަނީ މައްޗަށެވެ. ޕާކިސްތާނުގައި ކޭސްތައް އިތުރުވަމުން ދަނީ ސަރުކާރުގެ ލޮކްޑައުން ގަވާއިދުތަކާ ގިނަ ބަޔަކު ޚިލާފުވުމުންނެވެ. ޚާއްސަކޮށް މިދިޔަ ރޯދަ މަހު އެތައް ބަޔަކު ވަނީ މާސްކާއި އަންގި ވެސް ނުލައި މިސްކިތްތަކަށް ނަމާދަށް ގޮހެވެ.
މާޗް މަހު ޕާސްކިތާނުގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ފުލް ލޮކްޑައުނަކަށް ދިއުމަށް ދެކޮޅު ހައްދަވައިފަ އެވެ. އިމްރާން ޚާން ވިދާޅުވެފައި ވަނީ ގައުމު ލޮކްޑައުން ކޮށްގެން އިގްތިސާދީ ހާލަތު ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.
ޕްލޭނިން މިނިސްޓަރު ވިދާޅުވީ ވައިރަސް ފެތުރޭ ހޮޓްސްޕޮޓްތައް ޓްރެކްކޮށް، އެ ތަންތަން ބަންދުކުރަން ވިސްނާ ކަމަށެވެ.
ޕާކިސްތާނުގެ ބައެއް ހޮސްޕިޓަލްތަކުން ބުނެފައި ވަނީ މިހާރު އޮޕަރޭޓް ކުރަނީ ފުލް ކެޕޭސިޓީގައި ކަމަށެވެ.