16 ޖޫން 2020 - 07:35

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކޮމްޕިއުޓަ އެކްސްޕޯގެ ތެރޭގައި ހިމެނޭ ޓައިވާންގެ ޓައީޕޭގައި ބާއްވާ "ކޮމްޕިއުޓެކްސް" މި އަހަރު ބާއްވަން ނިންމި ތާރީހު ފަސްކޮށްފައި ވަނިކޮށް، އެކްސްޕޯ މި އަހަރު ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
"ކޮމްޕިއުޓެކްސް" މި އަހަރު ބާއްވާ ގޮތަށް ކުރިން އޮތީ މި މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19އާ ހެދި އެކްސްޕޯ ފަހުން ވަނީ މި އަހަރުގެ ސެޕްޓެމްބަރު 28-30 އަށް ފަސްކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ އަންނަ އަހަރަށް އެކްސްޕޯ ފަސްކޮށް އަންނަ އަހަރުގެ ޖޫން 1-5 ގައި އެކްސްޕޯ ބާއްވަން ނިންމައިފަ އެވެ.
"ކޮމްޕިއުޓެކްސް" އަކީ 2000 ވަނަ އަހަރުން ފެށިގެން ޓައިވާނުގައި ބާއްވަމުން އަންނަ ވަރަށް މަގުބޫލު އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ތެރޭގައި ކޮމްޕިއުޓަރާއި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލައި، އެ ދާއިރާތަކުން ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ހިންގުން އޮވެ އެވެ.
ޓައިވާން އެކްސްޓާނަލް ޓްރޭޑް ޑިވެލޮޕްމަންޓް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކޮންޕިއުޓެކްސް" އަށް މިދިޔަ އަހަރު 171 ގައުމަކުން 43،000 މީހުން ޒިޔާރަތްކޮށްފައިވެ އެވެ.
ކޮވިޑް-19އާ ހެދި މި އަހަރު ކެންސަލްކުރަން ޖެހުނު ޓެކް ޝޯތަކުގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) އާއި އެމެރިކާގެ ލޮސް އެންޖެލިސްގައި ބާއްވާ އިލެކްޓްރޯނިކް އެންޓަޓައިންމަންޓް އެކްސްޕޯ (އީ3) ގެ އިތުރުން ގޫގުލްގެ އައިއޯ ކޮންފަރެންސް ހިމެނެ އެވެ.