ޖަހާންއާރާ ބޭގަމް އެންމެ ހާއްސަ އެއް ރޯލަށް ވާނެ: ކަރީނާ ކަޕޫރް
ޖަހާންއާރާ ބޭގަމް އެންމެ ހާއްސަ އެއް ރޯލަށް ވާނެ: ކަރީނާ ކަޕޫރް

ކަރަން ޖޯހަރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ތާރީހީ ފިލްމު "ތަޚުތު" ގައި ކުޅެން ލިބިފައި ވަނީ މުގާލް ރަސްކަމުގައި އެންމެ ނުފޫޒުގަދަ އެއް އަންހެނާ ކަމަށްވާ ޖަހާންއާރާ ބޭގަމްގެ ރޯލް ކަމަށާއި އެ ރޯލަކީ ކެރިއަރުގެ އެންމެ ހާއްސަ އެއް ރޯލަށް ވާނެ ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

ކޮވިޑް-19އާ ދިމާކޮށް ކުރިމަތިވި ހާލަތްތަކާ ހެދި ޝޫޓިން ނުފެށި އޮތް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި ވިކީ ކޯޝަލާއި ޖާންވީ ކަޕޫރްގެ އިތުރުން ބޫމީ ޕިޑްނޭކަރް ހިމެނެ އެވެ.

"ތަޚުތު" އާ ބެހޭ ގޮތުން ކަރީނާ ބުނީ ޖަހާންއާރާގެ ރޯލް ކުޅެން ލިބުމުން ވަރަށް އުފާވި ކަމަށާއި އެ ކެރެކްޓާ އަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭން މަސައްކަތްކުރާނެ ކަމަށެވެ. ޖަހާންއާރާ އަކީ ތާޖް މަހަލް ވެސް ބިނާކުރެއްވި ރަސްގެފާނު ޝާހް ޖަހާންގެ ދަރިކަނބަލުންނެވެ. އަދި ރަސްކަމުގެ ދަރުބަރުބާރުގައި ނިންމަވާ ވަރަށް ގިނަ ކަންކަމުގައ ޝާހް ޖަހާން، ޖަހާންއަރާގެ ލަފަ އާއި މަޝްވަރާ ވެސް ބޭނުންކުރެއްވި އެވެ.

އެކަންކަމަށް އިޝާރާތްކޮށް ކަރީނާ ބުނީ "ތަޚުތު" ގައި ދައްކުވައިދޭ ޖަހާންއާރާގެ ކެރެކްޓާ އަކީ އާދައިގެ ރޯލަކަށް ނުވާނެ ކަމަށެވެ.

"ފިލްމުގެ އެންމެ މުހިއްމު އެއް ކެރެކްޓާ އަކީ ވެސް ޖަހާންއާރާގެ ރޯލް. މުގާލް ރަސްކަމުގެ ވަރަށް މުހިއްމު ޝަހުސިއްޔަތެއް ޖަހާންއާރާ ބޭގަމް އަކީ. އަހަރެން މި ހުންނަނީ ފިލްމުގެ ޝޫޓިން ފަށާނެ އިރަކަށް ވެސް ކެތްމަދުވެފައި،" އޭނާ ބުންޏެވެ. "ލޮކްޑައުން ކުރިމަތިވީ އަހަރެމެން ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެފައި ވަނިކޮށް."

ކަރީނާ ބުނީ އޭނާ އަބަދު ވެސް ތަފާތު އެކި ރޯލްތައް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން 2001 ގެ "ކަބީ ޚުޝީ ކަބީ ޣަމް" ގައި ކުޅުނު ޕޫގެ ކެރެކްޓާ އިން ފެށިގެން ގޮސް 2003 ގެ "ޗަމޭލީ" އަކީ ބަތަލާއެއްގެ ގޮތުގައި ތަފާތު ކެރެކްޓާތަކެއް އެކްސްޕެރިމަންޓްކޮށްލަން ލިބުނު ފިލްމުތަކެއް ކަމަށް ބުންޏެވެ.

"ހަމައާ އެކު ކީ އެންޑް ކާ އާއި ވީރޭ ދީ ވެޑިން އަކީ ވެސް އަހަރެންގެ ވަރަށް ތަފާތު ރޯލްތަކެއް ފެނިގެން ދިޔަ ފިލްމުތަކެއް. ކޮންމެ ރޯލަކާ ވެސް އަހަރެން ހަވާލުވަނީ އެ ރޯލަކަށް އިންސާފުކޮށް ދެވޭނެކަމުގެ އިތުރުބާރާއި ޔަގީންކަމާއެކީ،" އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ތަޚުތު" އިން ލިބޭ އަނެއް އުފަލަކީ ވަރަށް ގިނަ އަހަރުތަކެއް ފަހުން ސީދާ ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި މަސައްކަތްކުރަން ލިބުމެވެ. އެހެންވެ "ޕޫ" ގެ ކެރެކްޓާ އިން ގެނުވައިދިން ކަހަލަ ޖާދޫއެއް ތަފާތު ގޮތަކަށް "ތަޚުތު" އިން ގެނުވައިދެވޭނެ ކަމަށް ބުންޏެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ގަ އެވެ.