އަރިދަފުސް ރޯގާއަށް ދޭ ބޭހަކުން ކެންސަރު ބަލިކޮށްލާ
އަރިދަފުސް ރޯގާއަށް ދޭ ބޭހަކުން ކެންސަރު ބަލިކޮށްލާ

އާދައިގެ އަރިދަފުސް ރޯގާ އަށް ދޭ ބޭހަކުން ބްލެޑާގެ ކެންސަރު ފެތުރުން ހުއްޓުވާލެވޭ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޖަޕާނުގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މީދަލަށް ނަންސްޓެރޮއިޑް އެންޓި-އިންފްލެމޭޓަރީ ބޭހެއް ދިނުމުން މީދަލުގައި ހުރި ކެންސަރު ކީމޯތެރަޕީ ދީގެން ފަރުވާ ކުރެވޭ ވަރަށް ބަލިކޮށްލެވެ އެވެ.

ބްލެޑާ ކެންސަރުގެ ދެ ވައްތަރެއް އުޅެ އެވެ. އެއް ވައްތަރަކީ ނަން-މަސްލް އިންވޭސިވް އެވެ. މި ވައްތަރުގައި، ސްޓޭޖް 4 ގައި މީހާ ސަލާމަތް ވުމުގެ 90 ޕަސެންޓް ފުރުސަތު އޮވެ އެވެ. އެކަމަކު މަސްލް އިންވޭސިވްގެ ސްޓޭޖް 4 ގައި އޮންނަނީ ސަލާމަތް ވުމުގެ 10 ޕަސެންޓެވެ.

ކެންސަރުގެ މި ދެ ވައްތަރުގައި ފަރުވާ ކުރުމަށް އާންމުކޮށް ބޭނުންކުރަނީ ކެންސަރާ ދެކޮޅަށް މިހާރުވެސް ބޭނުންކުރާ ބޭސްތަކާއި ފަރުވާ އެވެ. ނަމަވެސް އެ ބޭނުން ރަނގަޅު ނުވެ ހަށިގަނޑަށް ފެތުރި ފުރާނަ އަށް ނުރައްކާ ވަނީ އެވެ.

ނަމަވެސް ޖަޕާނުގެ ހޮކާއިޑޯ ޔުނިވަސިޓީގެ ދިރާސާގައި ވަނީ އިންސާނުންނަށް ޖެހޭ ބްލެޑާ ކެންސަރުގެ ސެލްތައް މީދަލުގެ ހަށިގަނޑަށް ފޮނުވައިފަ އެވެ. މި ސެލްތައް މީދަލުގެ ހަށިގަނޑުގައި އިތުރުވާން ފެށި އެވެ. އަދި 45 ދުވަސް ވީއިރު ލިވަ އާއި ކަށީގައި ޓިއުމަރުތައް އުފެދުނެވެ.

ރިސާޗަރުން އޭގެ ފަހުން ވަނީ އަރިދަފުސް ރޯގާ އަށް ދީ އުޅޭ "ފްލޫފެނަމިކް އެސިޑް" މީދަލުގެ ހަށިގަނޑަށް އިންޖެކްޓްކޮށްފަ އެވެ. އޭގެ ހަށިގަނޑަށް މި ފޮނުވަން ފެށުމުން ކެންސަރު ސެލްތައް ގިނަވެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގަދަވެގަތުން ކުޑަވި އެވެ. އަދި ކީމޯތެރަޕީ ދީގެން ފަރުވާ ކުރެވޭ ވަރަށް ކެންސަރުގެ ހާލަތު ދަށްވި އެވެ.

ސައިންސްވެރިން ބުނީ މިއީ ކެންސަރަށް ފަރުވާ ހޯދުމުގައި ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. އަދި އަގު ހެޔޮ ފަރުވާއެއް ހޯދިދާނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބްލެޑާގެ ކެންސަރުގައި 2012 ވަނަ އަހަރު 165،100 މީހަކު މުޅި ދުނިޔެއިން މަރުވެފައިވެ އެވެ.