އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތްތައް އަލުން ފަށައިފި
އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތްތައް އަލުން ފަށައިފި

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން އޯޕީޑީގެ ހިދުމަތް އައިޖީއެމްއެޗުން މެދުކަނޑާލުމަށް ފަހު މިއަދު އަލުން ފަށައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު އޭޕްރިލް 15 ގައި މާލެއިން ފެނުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކުރުމާ އެކު އައިޖީއެމްއެޗްއިން ވަނީ ހަމަ އެ ދުވަހު އޯޕީޑީގެ ހިދުމަތާއި ކްލިނިކަލް ބައެއް ހިދުމަތްތައް މެދުކަނޑާލައިފަ އެވެ.

ސްޕެޝަލިސްޓުންގެ ހިދުމަތްތައް ދޭން އޮންލައިން ކްލިނިކްތަކެއް އޭގެ ތިން ދުވަސް ފަހުން އެ ހޮސްޕިޓަލުން ގާއިމް ކުރުމަށް ފަހު، އޯޕީޑީގެ ހިދުމަތްތައް ދެމުން އައީ އެ ކްލިނިކްތަކުންނެވެ.

އޯޕީޑީގެ ހިދުމަތްތައް ހޮސްޕިޓަލުން އަލުން ދޭން މި ފެށީ، މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން މިއަދުން ފެށިގެން ލުއިކުރުމުން ކަމަށް އައިޖީއެމްއެޗުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ. އޯޕީޑީގެ ހިދުމަތްތައް އަލުން ފެށި ނަމަވެސް އަދިިވެސް ޓެލެ-ކޮންސަލްޓޭޝަންތައް ކުރިއަށް ގެންދާނެ އެވެ. ޓެލެ-ކޮންސަލްޓޭޝަނެއް ހަމަޖައްސަން އެ ޑިޕާޓްމަންޓްގެ ފޯނު ނަންބަރަށް މެސެޖުކުރަން ނުވަތަ ވައިބަ ކުރަން އެ ހޮސްޕިޓަލުން އެދިފައިވެ އެވެ. އޯޕީޑީގެ ހިދުމަތްތަކާއި ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ވެސް އެކި ޑިޕާޓްމަންޓުތަކުން ލިބެނީ އެކި ވަގުތުތަކުގަ އެވެ.

އޯޕީޑީގެ ހިދުމަތް ދޭން ފެށި ނަމަވެސް ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކްލިނިކްތަކަށް ދާން އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑޮކްޓަރަށް ދެއްކުމަށް ފަހު ހަދަން ޖެހޭ ލޭގެ ޓެސްޓުތަކާއި އެހެނިހެން ލެބޯޓަރީގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބޭނެ އެވެ. އެކްސްރޭ އާއި އަލްޓްރާ ސައުންޑް އަދި އެމްއާރްއައިގެ ހިދުމަތްތައް ވެސް އެ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޯޕީޑީ ފެށި ނަމަވެސް ވޯޑުތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތް ނުކުރެވޭނެ ކަމަށާއި އެޑްމިޓްކޮށްފައިވާ މީހަކަށް އެހީ ވެވޭނީ އެންމެ މީހަކަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ބަލިވެފައިވާ ކުޑަކުއްޖަކު ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދަން ވަނީ އަންގައިފަ އެވެ. ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ރޫޓީން އޮޕަރޭޝްތައް މެދުކަނޑާލާފައިވާ ކަމަށާއި ހޮސްޕިޓަލަށް ދާ މީހުން ހުމާއި ރޯގާގެ އަލާމާތްތަކަށް ސްކްރީން ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާ އާއި އިމަޖަންސީކޮށް ދޭންޖެހޭ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

ރާއްޖޭން މިހާތަނަށް 2،035 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 1،311 މީހަކު ބަލިން ރަނގަޅުވެފައި ވެ އެވެ.