މިއަދުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10އާ ހަމަ އަށް
މިއަދުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10އާ ހަމަ އަށް

މިއަދުން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން ވެސް ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުނަށް ދިން ލުޔާ އެކު މިއަދުން ފެށިގެން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް މާލެ ސަރަހައްދުގައި ފިހާރަތައް ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި ކުރިން ރޭގަނޑު 11:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދިން ނަމަވެސް މިއަދުން ފެށިގެން އެ ހިދުމަތް ދެވޭނީ 10:00 އާ ހަމައަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ޑެލިވަރީގެ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ރޭގަނޑު 10:00ގެ ފަހުން މަގުމައްޗަށް މީހުން ނުކުތުން މަނާކުރުމަށެވެ.

ވިޔަފާރިކުރާ ތަންތަން މިއަދުން ފެށިގެން ހުޅުވާލި ނަމަވެސް ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުން ޖުލައި މަހާ ހަމައަށް ފޯރުކޮށްދެވޭނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. ޖުލައި މަހު އެފަދަ ތަންތަން އާއްމުންނަށް "ޑައިން އިން" ކުރެވޭ ގޮތަށް ހުޅުވާލެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތަށް ހުޅުވޭނީ ޖުލައިި މަހު ދޭ ލުއިތަކާއެކު ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް ބޭރުގައި އުޅޭ އިރު އަދި ވަކި ހާއްސަކޮށް، ބަންދު ތަނަކަށް ވަންނަ ނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި ގިނައިން އަތް ސާފުކުރަން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.