ސެރީނާ އަށް ފައިނަލްސްގެ ފުރުސަތު ގެއްލިއްޖެ
ސެރީނާ އަށް ފައިނަލްސްގެ ފުރުސަތު ގެއްލިއްޖެ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޯބަރު 19) - ކޮނޑުހުޅަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ، އަންނަ ހަފްތާގައި ފަށާ ވޯލްޑް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ފައިނަލްސްގައި ކުޅުމުގެ ފުރުސަތު ސެެރީނާ ވިލިއަމްސް އަށް ގެއްލިއްޖެ އެވެ.

ދުނިޔޭގެ ދެ ވަނައިގައި އޮތް ސެރީނާ މިދިޔަ މަހު އޮތް ޔޫއެސް އޯޕަން ސެމީ ފައިނަލުން ބަލިވި މެޗަށް ފަހު އަނިޔާގެ ސަބަބުން ހުރީ ކުޅުމާ ދުރު އެވެ. އޭގެ ފަހުން ކުޅުނު ހަތަރު މުބާރާތުގައި ވެސް ސެރީނާ ނުކުޅެ އެވެ.

"މިއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް. ފައިނަލްސް އަށް ފިޓްވުމަށް މަސައްކަތްކުރިން. އެކަމަކު އެކަމެއް ނުވި،" މިހާތަނަށް ފަސް ޑަބްލިއުޓީއޭ ފައިނަލްސް ކާމިޔާބުކޮށްފައިވާ އުމުރުން 35 އަހަރުގެ ސެރީނާ ބުންޏެވެ.

ޑަބްލިއުޓީއޭ ފައިނަލްސް އަކީ ސީޒަން ނިމުމުން ރޭންކިންގެ ގަދަ އަށެއްގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. ސެރީނާ އަށް ފުރުސަތު ގެއްލުމުން މި މުބާރާތުން ޖާގަ ލިބުނީ ރޭންކިން ނުވަ ވަނައިގައި އޮތް އިނގިރޭސިވިލާތުގެ ޖޮހާނާ ކޮންޓާ އަށެވެ.

ކޮންޓާ ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް މި މަހު 23 ވަނަ ދުވަހު ފައިނަލްސް ފެށުމުގެ ކުރިން އޭނާ ފިޓްވުމުގެ ފުރުސަތު ބޮޑެވެ.

ފައިނަލްސްގައި ކޮންޓާ ވާދަކޮށްފިނަމަ އޭނާ ވެގެންދާނީ 36 އަހަރަށް ފަހު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ އިނގިރޭސި ކުޅުންތެރިއާ އަށެވެ. އެންމެ ފަހުން ފައިނަލްސްގައި ކުޅުނު އިނގިރޭސި ކުޅުންތެރިއަކީ 1980 ވަނަ އަހަރުގެ ފައިނަލްސްގައި ވާދަކުރި ވާޖީނިއާ ވޭޑް އެވެ.