އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، ރޭލުގެ ބައިތައް ވޯޑުތަކަށް
އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، ރޭލުގެ ބައިތައް ވޯޑުތަކަށް

ނިއު ދިއްލީ (ޖޫން 16) - ކޮވިޑް-19 ޖެހިގެން ފަރުވާދޭން ޖެހޭ މީހުން ގިނަވުމުގެ ސަބަބުން އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، އެނދު ނުލިބޭތީ ރޭލްތައް ހުސްކޮށް، ފަރުވާ ދޭން ވޯޑުތައް ހަދައިފި އެވެ.

ރޭލުތަކުގައި ބަލި މީހުންނަށް 8،000 އެނދު ތައްޔާރު ކުރާނެ އެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ ވެރިރަށް ނިއު ދިއްލީގައި ކޮރޯނާވައިރަހާ ދެކޮޅަށް އާ ފިޔަވަޅުތައް އަޅާނެ ކަމަށާއި އޭގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުން ފުޅާކުރާނެ ކަމަށެވެ.

އިންޑިއާ މިހާރު ހިމެނީ ކޮރޯނާވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. އާދިއްތަ ދުވަހު އެކަނިވެސް ވަނީ 11،382 މީހުން ޕޮޒިޓިވްވެ 321 މީހުން މަރުވެފަ އެވެ. އިންޑިއާގައި މިހާތަނަށް 333،008 މީހުން ޕޮޒިޓިވްވެ 9،520 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 169،689 މީހުންނެވެ.

ހިންދުސްތާން ޓައިމްސް އިން ބުނެފައި ވަނީ ދިއްލީ އަކީ އިންޑިއާގައި ކޮރޯނާވައިރަހުގެ ހާލަތު ތިން ވަނަ އަށް އެންމެ ގޯސް ސަރަހައްދު ކަމަށެވެ. އެންމެ ބާރަށް ބަލި ފެތުރެނީ މަހާރާޝްތުރާ އާއި ޓަމިލް ނާޑޫގަ އެވެ. ނޫހުން ބުނި ގޮތުގައި ދިއްލީގައި ސަރުކާރު އަދި އަމިއްލަ ހޮސްޕިޓަލްތަކުގެ އެނދުގެ ޖާގައަކީ 9،689 އެވެ.

ރޭލްވޭ ނެޓްވޯކް އެޕްރީލް މަހު ހުއްޓާލުމުން ވެސް އިންޑިއާ އިން ވަނީ ރޭލްތައް އައިސޮލޭޝަން ވޯޑުތަކެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ.

މާޗް މަހު 25 ވަނަ ދުވަހު އިންޑިއާ ލޮކްޑައުން ކުރުމަށް ފަހު މިދިޔަ މަހު ލުއިދޭން ފެށުމުން، އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލުމުން މަގުތައް ވަނީ ތޮއްޖެހިފަ އެވެ.