މުއްޔަށް އެރި ކުދި ވެލާތައް މޫދަށް ދޫކޮށްލައިފި
މުއްޔަށް އެރި ކުދި ވެލާތައް މޫދަށް ދޫކޮށްލައިފި

މ. މުއްޔަށް ރޭ ފަތިހު އެރި ގިނަ އަދަދެއްގެ ވެލާ މޫދަށް ދޫކޮށްލައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު ވިދާޅުވިގޮތުގައި ރަށަށް އެހާ ގިނަ އަދަދެއްގެ ވެލާ އެރި ކަމަށް ބެލެވެނީ، އަތިރިމައްޗަށް އަޅާފައި ހުރި ބިސްތައް ފެޅިގެން ކަމަށެވެ. އެއީ ވާރޭ ވެސް ވެހުނު ވަގުތަށް ވާތީ ފެންގަނޑު ތެރޭގައި ވެސް ބައެއް ވެލާތައް އުޅުނު ކަމަށް ވިދާޅުވި އެވެ.

ވެލާތައް އެރީ ރަށުގެ އިރުމަތީ ފަރާތު އަތިރިމަތިންނެވެ. އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ވެލާ އަރާއިރު އެތަން ވަނީ 2017 ވަނަ އަހަރު ހިއްކައިފަ އެވެ.

އެ އެއްޗެހި ރަށަށް އަރައި، އަތިރިމައްޗާ ކައިރީގައި ހުރި ހޮސްޕިޓަލަށް ވެސް ވަނެވެ.

"ހޮސްޕިޓަލަށް ވެސް ވަން. ފަހުން ފުލުހުންނަށް ރިޕޯޓުކުރީމަ ފުލުހުން އެ އެއްޗެހި ނަގައިގެން މޫދަށް ދޫކޮށްލީ،" ޝާތިރު ވިދާޅުވި އެވެ.

ވެލާ ދޫކޮށްލާ ހިތްގައިމު ވީޑިއޯއެއް ފުލުހުން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެކަމަކީ ފުލުހުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ބުނެ ކުރި ޓްވީޓަށް 180 އަށްވުރެ ގިނަ ރީޓްވީޓްކޮށް 600 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެ އެވެ.

ރަށްރަށަށް މީގެ ކުރިން ވެސް ވެލާ އަރާފައި ވެ އެވެ. ނަމަވެސް މިފަދަ ގޮތަކަށް، އެއްފަހަރާ އެހާ ކުދި ވެލާތަކެއް އެރި މިއީ ފުރަތަމަ ފަހަރެވެ.

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ބިސް އަޅަން އެރި ވެލަ އެއްވެސް މިދިޔަ އަހަރު މަރުވެފައި ވެ އެވެ.