01 ޖޫން 2016 - 10:37

އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ބޭއްވި ބައްދަލުވުމަށް، ސްޕޯޓްސް ކިޓެއްގައި ވަޑައިގެން އެ އިދާރާގެ ނައިބް ރައީސް މުހައްމަދު ކަލީމް ފުރަތަމަ ވެސް ފެއްޓެވީ ދަރިފުޅާ އެކު ބޯޅަ ކުޅުއްވާށެވެ. ފުޓްބޯޅައާ ދުރުގައި ދުވަސްތަކަކު ހުންނެވި ނަމަވެސް އެ ކުޅިވަރާ މެދު، ކަލީމްގެ ހިތުގައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އެފްއޭއެމްގެ ތެރެއިން ފުޓްބޯޅައަށް ހިދުމަތްކުރެއްވުމަށް ލިބުނު ފުރުސަތު އޭނާ އުފަލާ އެކު ގަބޫލުކުރަނީ އެހެންވެ އެވެ.

"ކުޅިވަރުން ހާއްސަކޮށް ފުޓްބޯޅައިގެ ތެރެއިން މުޖުތަމައުއަށް ހިދުމަތްކުރަން ފުރުސަތު ލިބިއްޖެއްޔާ ބޭނުންކުރުމުގެ ރޫހު އަބަދުވެސް ހުރޭ. މަސައްކަތުގެ ގޮތުން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ބޮޑު މަންޒަރާ ދުރުގައި ހުއްޓަސް އަބަދުވެސް އަލުން މިކަމުގެ ތެރެއަށް ވަންނަން، ކުޑަ ފުރުސަތެއް ހުޅުވާފައި ބޭންދޭ،" އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް އިއްޔެ އިންތިހާބުވެވަޑައިގެންނެވި ކަލީމް "މިހާރަ"ށް ވިދާޅުވި އެވެ.

ކަލީމްގެ ފުޓްބޯޅަ ކެރިއަރު ފެށްޓެވީ އަދި ނިންމާލެއްވެސް ގޭދޮށު ކްލަބް ނިއު ރޭޑިއަންޓުންނެވެ. އެ ކްލަބަށް ކުޅުއްވައި ކޯޗުކޮށްދެއްވި އެވެ. އެކަމަކު ގިނަ ބަޔަކު ކަލީމްގެ ނަން ފާހަގަކުރަނީ ރާއްޖެއަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީކަމަށްވާ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދައިދެއްވި ކެޕްޓަންގެ ގޮތުގަ އެވެ.
ކަލީމް ވިދާޅުވީ އެނބުރި ފުޓްބޯޅައިގެ ތެރެއަށް ވެންނެވިއިރު، އާދަޔާހިލާފު ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެކަމަކު ކުރިއެރުވުމުގައި ރޫހުގައި އުޅެފިއްޔާ ކާމިޔާބުވާނެ ކަމާ މެދު ޔަގީންކަން އެބައޮތް ކަމަށެވެ.
"ބައެއް ކަންކަމަކީ ކުރީކޮޅު އޭގެ އެއްވެސް ނަތީޖާއެއް ނުފެންނާނެ އެކަމަކު ފަހުން އޭގެ ހެޔޮ ބަދަލު އަންނާނެ ފަދަ ކކަންކަން. އެގޮތަށް ބަލައިގެން ދިގު މުއްދަތުގެ ޕްލޭން ހަދައިގެން މަސައްކަތްކުރަން ޖެހޭ. އެފަދަ ކަންކަން ކުރަން އުނދަގޫވާނެ. އެކަމަކު އެއީ ކުރުން މުހިއްމު ކަމެއް،" މަޝްހޫރު ވިޔަފާރި ކުންފުނި ސޮނީ ގްރޫޕުގެ ޗެއާމަން ވިދާޅުވި އެވެ.
އެފްއޭއެމްގެ އިސް ތިން މަގާމުގައި މިވަގުތު ތިއްބެވީ ގައުމީ ޓީމާ އެކު ކާމިޔާބީތައް ހޯދާފައިވާ ކަލީމްގެ އިތުރުން ރައީސް އަހުމަދު ތޯރިގް (ޓޮމް) އަދި ނައިބް ރައީސް އަލީ އުމަރެވެ. ކަލީމް ވިދާޅުވީ ކާމިޔާބީ ހޯދާފައިވާ ފަރާތްތައް ތިބުމުން، އިތުރުވާނީ ކުޑަ މިންވަރެއް ކަމަށާއި މުހިއްމީ މަގާމުގައި ތިބޭ ބަޔަކަށް ވުރެ ބޮޑަށް ކުރާ މަސައްކަތެއް ކަމަށެވެ.
މެދުތެރެއިން ރީތި ކުޅުމެއް ކުޅުއްވި އަދި ޓީމު ލީޑު ކުރެެއްވުމުގައި އެފަދަ ދެ ވަނަ އެއް ނެތް ކަލީމް ވިދާޅުވީ ދަނޑަށް ސަޕޯޓަރުން ނުވަނުމަކީ ފުޓްބޯޅައަށް މިހާރު ދިމާވެފައިވާ މައްސަލަތަލުގެ ތެރެއިން އެއް މައްސަލަ ކަމަށެވެ. އަދި ދަނޑަށް މީހުން ނުވަންނަކީ ހަމައެކަނި ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގައި ނޫން ކަމަށް ވެސް ވިދާޅުވީ އެވެ.
"އެހެން ކުޅިވަރުތައް ވެސް ތަރައްގީވެއްޖެ. އެހެން ކުޅިވަރުތައް ވެސް ފޯރިގަދަވެއްޖެ. އުމުރުން 8 އަހަރާއި 10 އަހަރުގެ ކުދިން ގޭތެރޭގައި އެހެން ކަންކަމުގެ ތެރޭގައި މަޝްއޫލުވެގެން އުޅެން ޖެހޭ ސަބަބުތައް އެބަހުރި. އެހެންކަމުން ފުޓްބޯޅައިގެ ފޯރިކުޑަވީ މިފަދަ ގިނަ ކަންކަމާ ގުޅިގެން،" ކަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ޓެކްނިކަލް ފެންވަރު މަތިކުރެވިދާނެ ޖާގަ އެބައޮތް ކަމަށާއި އޭގެ ހެއްކަކީ ނޭޕާލާއި ބޫޓާން ފަދަ ޓީމުތަކާ ދެކޮޅަށް ދާދި ފަހުން ނުކުތް ނަތީޖާ ކަމަށެވެ.