14 ޖޫން 2020 - 12:49

ބެއިޖިން (ޖޫން 14) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ ވެރިރަށް ބެއިޖިންގެ ބައެއް ހިސާބުތައް ލޮކްޑައުން ކުރަމުންދާ އިރު ޗައިނާގައި ދެ ވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހަށް ފަހު މިއަދަކީ ޗައިނާގައި ކޮރޯނާވައިރަހުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރި ދުވަހެވެ. ޗައިނާ އިން މިއަދު ރިޕޯޓްކުރި 57 ކޭހުގެ ތެރޭން 36 ކޭހަކީ ބެއިޖިން އިން ރިޕޯޓްކުރި ޑޮމެސްޓިކް ކޭސްތަކެވެ. ބެއިޖިންގައި އެންމެ ބޮޑަށް ބަލި ފެތުރޭ ކަމަށް ޝައްކު ކުރެވުނު ހޯލްސޭލް މާރުކޭޓް މިހާރު ވަނީ ބަންދުކޮށް، 11 ސަރަހައްދެއް ލޮކްޑައުނަށް ގެނެސްފަ އެވެ.
ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެފައި ވަނީ 36 ކޭސް ވެސް ގުޅިފައި ވަނީ ޒިންފާދީ މާރުކޭޓާ ކަމަށެވެ. ފަހުން ވަނީ އިރުއުތުރުގެ ލިއައޮނިން ޕްރޮވިންސް އިން ވެސް ކޭސްތައް ފެނިފަ އެވެ. ހެލްތު ކޮމިޝަނުން ބުނެފައި ވަނީ އެއީ ބެއިޖިންގެ މާރުކޭޓުގެ ކްލޯޒް ކޮންޓެކްޓްސް ކަމަށެވެ.
"މީހުން މިހާރު މި ވަނީ އަނެއްކާވެސް ބިރުގަންނަން ފަށާފައި،" ބެއިޖިންގެ މެދުތެރޭގެ ތަރުކާރީ އާއި މޭވާ ވިއްކާ މީހަކު ބުންޏެވެ. "އެއްގަމު މަސް ވިއްކާ މީހުންގެ ވިޔަފާރި މިވަނީ ބަންދު ކުރަން ޖެހިފައި. މިއީ ހަގީގަތުގައި ވެސް ބިރު ހުރި ބައްޔެއް."
މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ރޯގާ އެ ގައުމުން ކާމިޔާބުކަމާ އެކު ކޮންޓްރޯލްކޮށްފައިވީ ނަމަވެސް ވެރިރަށުން އަނެއްކާވެސް އާ ކޭސްތައް ފެންނަން ފެށުމުން ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.
ޗައިނާ އިން ބަލި ކޮންޓްރޯލްކުރި ނަމަވެސް ދުނިޔޭގައި އަދިވެސް ދަނީ ބަލީގެ ނުރައްކާ ބޮޑުވަމުންނެވެ. މިހާތަނަށް ދުނިޔެ އިން ވަނީ 7,873,198 މީހުން ޕޮޒިޓިވްވެ 432,477 މީހުން މަރުވެފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ތެރޭން އެއް މިލިއަން ކޭސް ރިޕޯޓްކޮށްފައި ވަނީ ވޭތުވެދިޔަ ނުވަ ދުވަސްތަކުގެ ތެރޭގަ އެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4,043,393 އަރައިފަ އެވެ.
ކޮރޯނާވައިރަހުގެ ބިރު އެފްރިކާ އާއި ލެޓިން އެމެރިކާގައި ބޮޑުވަމުންދާ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދީފަ އެވެ.
ޗައިނާ އިން ވަނީ 83,132 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.