ސަންޖޭ ކަޕޫރަށް ސޯނަމް ކަޕޫރް ވައްތަރީ އޭނާގެ ފިރިހެން ދަރިފުޅާ
ސަންޖޭ ކަޕޫރަށް ސޯނަމް ކަޕޫރް ވައްތަރީ އޭނާގެ ފިރިހެން ދަރިފުޅާ

ޖަހާން ކަޕޫރަކީ އެކްޓަރު އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ ފިރިހެން ދަރިފުޅެވެ. ސަންޖޭ އާއި މަހީޕް ކަޕޫރްގެ ތިބެނީ ދެ ކުދިންނެވެ. އެއީ ހަގަށް ހުރި ޖަހާން، 15، އަދި ދޮއްޓަށް ހުރި ޝަނާޔާ ކަޕޫރެވެ.

ރިޕޯޓްތައް ބުނާގޮތުން ޝަނާޔާ، 20، އަކީ ދެން މާ ގިނަ ދުވަހެއް ނުކޮށް ބޮލީވުޑަށް ވެސް ނުކުމެދާނެ ބަތަލާއެކެވެ. އެކަމަކު މި ފަހަރު ޖަހާންގެ ވާހަކަ ދައްކަން ޖެހެނީ ސަންޖޭ އިންސްޓަގްރާމަށް ލީ ފޮޓޯއަކާ ގުޅިގެން މީހުން ދައްކާ ވާހަކަތަކާ ހެދި އެވެ.

ބޭބެ އަނިލްގެ ދޮށީ އަންހެން ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރްގެ ފޮޓޯއެއް ފޭސްއެޕުން ފިރިހެނަކަށް ބަދަލުކޮށް، ދެ ފޮޓޯ ކޮލާޖްކޮށްފައި، ސަންޖޭ އިންސްޓްގްރާމްގައި ބުނެފައި ވަނީ އެއީ ސޯނަމާއި ޖަހާން ކަމަށެވެ.

މާނަ އަކީ ސޯނަމް އާއި ޖަހާން ވައްތަރުވުމެވެ. ސަންޖޭގެ މި ފޮޓޯ އަށް އެކި ކަހަލަ ކޮމެންޓްތައް މީހުން ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ވަރަށް މަޖާ ކޮމެންޓްތައް ވެސް ހިމެނެ އެވެ. ބައެއް މީހުން ބުނެފައި ވަނީ ސޯނަމް ވައްތަރީ އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކާއި ބޮލީވުޑްގެ އެކްޓަރު ޕްރަތީކް ބައްބަރާ ކަމަށެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ފޮޓޯ އިން ފެންނަ ގޮތުގައި ސޯނަމް ވައްތަރީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި އެކްޓަރު ހާޝްވަރުދަން ކަޕޫރާ އެވެ.

ސަންޖޭ އޭނާގެ ފިރިހެން ދަރިފުޅު ސޯނަމާ ވައްތަރު ކަމަށް ގަބޫލުކުރާ އިރު، ސަންޖޭ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދަ ޒޯޔާ ފެކްޓާ" ގައި ސޯނަމްގެ ބައްޕަގެ ރޯލް ވެސް ކުޅެފަ އެވެ.

އަނިލްގެ ތިބެނީ ސޯނަމާއި ހާޝްގެ އިތުރުން ޕްރޮޑިއުސަރު ރިއާ ކަޕޫރެވެ. ސަންޖޭ އާއި އަނިލްގެ ބޭބެ ބޯނީ ކަޕޫރްގެ ކުދިންގެ ތެރޭގައި އެކްޓަރު އަރުޖުން ކަޕޫރާއި ބަތަލާ ޖާންވީ ކަޕޫރް ހިމެނެ އެވެ. ދެން ތިބެނީ ޚުޝީ ކަޕޫރާއި އަންޝުލާ ކަޕޫރެވެ.

ޖާންވީ އާއި ޚުޝީގެ މަންމަ އަކީ ކުރީގެ ބަތަލާ ސްރީދޭވީ އެވެ.