ޝާހްރުކް ޚާނާ އެކީ މަސައްކަތްކުރުމަކީ އެންމެ ގަޔާވާ ކަންތައް: ރާނީ މުކަރްޖީ
ޝާހްރުކް ޚާނާ އެކީ މަސައްކަތްކުރުމަކީ އެންމެ ގަޔާވާ ކަންތައް: ރާނީ މުކަރްޖީ

ޝާހްރުކް ޚާނާއެކީ މަސައްކަތްކުރުމަކީ އަބަދު ވެސް އެންމެ ގަޔާވި އެއް ކަންތައް ކަމަށާއި މިހާރު އެންމެ މިސްވާ ކަމަކީ އެފަދަ ފުރުސަތެއް ފަހިނުވުން ކަމަށް ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

ދެ ތަރިން އެކީގައި ކުޅުނު ކާމިޔާބު ފިލްމު "ޗަލްތޭ ޗަލްތޭ" ރިލީޒްކުރިތާ 17 އަހަރުވުމާ ދިމާކޮށް ރާނީ ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަކީ އޭނާގެ އެންމެ ފެވަރިޓް އެއް ފިލްމު ވެސް ކަމަށެވެ. އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމު ސިނަމާތަކަށް ގެނައީ ޖޫން 13، 2003 ގަ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑޮއުސްކޮށް، އަޒީޒް މިރްޒާ ޑައިރެކްޓްކުރި "ޗަލްތޭ ޗަލްތޭ" ގެ ބަތަލާގެ ރޯލް ރާނީ އަށް ލިބުނީ އައިޝްވާރިއާ ރާއީ އަށް ފިލްމު ދޫކޮށްލަން ޖެހުމުން ކަމެވެ. އޭނާ އަށް ފިލްމު ދޫކޮށްލަން ޖެހުނީ އޭގެ ވަރަށް ގިނަ މަންޒަރުތަކެއް ނަގާފައި ވެސް ވަނިކޮށް، އެއް ދުވަހަކު ޝޫޓިން ކުރިއަށް ދަނިކޮށް، އޭރު އައިޝްވާރިއާ ރައްޓެހިވެގެން އުޅުނު ސަލްމާން ޚާން ސެޓަށް ގޮސް ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ. ސަލްމާނާއި އައިޝްވާރިއާ ދެމެދު އެ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން "ޗަލްތޭ ޗަލްތޭ" ގެ ޓީމަށް ވެސް ފެނުނީ އޭނާ ހިމަނައިގެން ފިލްމު ކުރިއަށް ގެންދަން ދަތިވެދާނެ ކަމަށެވެ. އެހެންވެ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އައުމަށް ފަހު، އައިޝްވާރިއާ ފިލްމު ދޫކޮށްލީ އެވެ.

ރާނީ އަށް "ޗަލްތޭ ޗަލްތޭ" ލިބުނީ އެ ހިސާބުންނެވެ.

އެ ފިލްމުގެ މަސައްކަތްކުރި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ރާނީ ބުނީ "ޗަލްތޭ ޗަލްތޭ" އަކީ އޭނާގެ އެންމެ ހާއްސަ އެއް ފިލްމު ކަމަށެވެ. އަދި އެ ފިލްމުގެ ސަބަބުން ފުރަތަމަ ފަހަރަށް ގްރީސް އަށް ދާނެ ފުރުސަތު ލިބުމާއި ފިލްމުގެ މޭކަޕުން އާ ޓްރެންޑެއް ތައާރަފުވުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މިކީ ކޮންްޓްރެކްޓާ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރި "ޗަލްތޭ ޗަލްތޭ" އިން ރާނީގެ ލޮލަށް ގެނައި ސްމޯކް މޭކަޕްވެގެން ދިޔައީ އެ ފިލްމު ރިލީޒްކުރުމާ އެކު ވަރަށް ބޮޑަށް ވައިގައި ހިފި ޓްރެންޑަކަށެވެ. އަދި "ޗަލްތޭ ޗަލްތޭ" ހައި ހިމެނޭ ލަވަ "ތޯބާ ތުމާރޭ ޔެ އިޝާރޭ" އަކީ ވެސް އެ ފިލްމު ރިލީޒްކުރި ދުވަސްވަރު ވަރަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ.

ރާނީ ބުނި ގޮތުގައި އަބަދު ވެސް ޝާހްރުކާ އެކީ މަސައްކަތްކުރުމަކީ އެންމެ އުފާވާ އަދި އެންމެ ގަޔާވާ ކަންތަކެވެ.

"އަބަދު ވެސް ވަރަށް ފަސޭހަ އޭނައާ އެކީ މަސައްކަތްކުރަން. ޝާހްރުކާ އެކީ މަސައްކަތްކުރާ އިރު، އެއްވެސް މީހަކަށް އަސްލު އިހުސާސެއް ނުކުރެވޭނެ މަސައްކަތެއްގައޭ މި އުޅެވެނީ،" އޭނާ ބުންޏެވެ. "އެންމެންނާ ވެސް ވަރަށް ގުޅިގެން އާއިލާއެއް ގޮތަށް އޭނާ މަސައްކަތްކުރާނީ. އަހަރެން މިހާރު ވެސް އެންމެ މިސްވާ ކަމަކީ ޝާހްރުކާ އެކީ މަސައްކަތެއް ކުރާނެ ފުރުސަތެއް ފަހިނުވާތީ. އޭނާއާ އެކު ކުރި ކޮންމެ ތަޖުރިބާއެއް ވަރަށް އުފާވެރި."

ޝާހްރުކާއި ކާޖޮލްގެ ޖޯޑު ގޮތަށް ރާނީ އާއި ޝާހްރުކްގެ ޖޯޑަކީ ހިންދީ ސިނަމާގައި ވަރަށް މަގުބޫލުވި ޖޯޑެކެވެ.

ދެ ތަރިން އެކީގައި އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 1998 ގެ "ކުޗް ކުޗް ހޯތާ" އެވެ. އޭގެ ފަހުން 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2004 ގެ "ވީރު-ޒާރާ" އާއި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" އަދި ހަމަ އެ އަހަރުގެ "ޕަހޭލީ" އަކީ ޝާހްރުކާއި ރާނީގެ ޖޯޑު އެކީގައި ފެނިގެން ދިޔަ ފިލްމުތަކެވެ.