14 ޖޫން 2020 - 09:38

ލަންޑަން (ޖޫން 14) - އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އެންމެ ފަހުން ޓެސްޓްކުރިއިރު، ނޯވިޗް ސިޓީގެ ކުޅުންތެރިޔަކު ޕޮޒިޓިވްވެފައިވާތީ އެ ކުޅުންތެރިޔާގެ ކޮންޓެކްޓުތައް ވަރަށް ގާތުން ބަލަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ގެންދިޔަ ޓެސްޓް ކުރުމުގެ ބުރުގައި ދެ ޕޮޒިޓިވް ކޭސް ފެނުނެވެ. އޭގެ ތެރެއިން އެކަކީ ނޯވިޗްގެ ކުޅުންތެރިޔެއް ނަމަވެސް އެ ޓީމުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެ ކުޅުންތެރިއާގެ ނަން އާންމުނުކުރަން ނިންމައިފަ އެވެ.
ނޯވިޗުން މީޑިއާ އަށް ބުނީ ގައިޑްލައިނާ އެއްގޮތަށް މިހާރު އެ ކުޅުންތެރިޔާ އެކަހެރި ކޮށްފައިވާ ކަމަށާއި ކޮންޓެކްޓްތައް ވީ އެންމެ ފުރިހަމަ އަށް ބަލަމުން އަންނަ ކަމަށެވެ. އަދި ކްލަބުން އިސް ނަގައިގެން ޓެސްޓް ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ނޯވިޗް ވަނީ ޓޮޓެންހަމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ޕޮޒިޓިވްވި ކުޅުންތެރިޔާ ބޭނުންނުކުރާ ކަމަށް ނޯވިޗުން ވަނީ ބުނެފަ އެވެ. އަދި ޓޮޓެންހަމުން ވެސް ވަނީ ނޯވިޗުން ޕޮޒިޓިވްވި ކުޅުންތެރިޔާގެ ކްލޯސް ކޮންޓެކްޓެއް ޓޮޓެންހަމްގައި ވެސް ނެތް ކަމަށް ބުނެފަ އެވެ.
"އެކަމަކު ވެސް އަހަރެމެން މި ދަނީ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ކޮންޓެކްޓެއް އެއްވެސް ވަރަކަށް ވި ކުޅުންތެރިއެއް ހުރެފިނަމަ އެކަން ދެނެގަންނަން މަސައްކަތްކުރަމުން،" ޓޮޓެންހަމްގެ އޮފިޝަލަކު ބީޓީ ސްޕޯޓްސް އަށް ބުންޏެވެ.
ކޮވިޑް-19 ފެތުރޭތީ މާޗް 12 ވަނަ ދުވަހު މެދުކަނޑާލި ޕްރިމިއާ ލީގުގެ ކުޅުން ފަށަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ. އެކި ބުރުތަކަށް ބަހާލައިގެން ޕްރިމިއާ ލީގުން ވަނީ ކޮވިޑް-19 ގެ 8687 ޓެސްޓެއްކޮށްފަ އެވެ. އޭގެ ތެރެއިން ފެނުނީ އެންމެ 16 ޕޮޒިޓިވް ކޭސް އެވެ.
އަލުން ލީގު ފަށައިގެން ނޯވިޗް ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ސައުތެމްޓަންއާ އެވެ. އަދި ހުކުރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރާނެ އެވެ.