އިތުރު 10 މީހުން ޕޮޒިޓިވްވެ، ރަނގަޅުވި މީހުންގެ އަދަދު 1،200 އަށް
އިތުރު 10 މީހުން ޕޮޒިޓިވްވެ، ރަނގަޅުވި މީހުންގެ އަދަދު 1،200 އަށް

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އިތުރު 10 މީހަކު ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 1،200 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ ހަތް މީހަކާއި ނޭޕާލްގެ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ އަދަދު 2،013 އަށް ވަނީ އަރައިފަ އެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،217 މީހަކު ފަރުވާއަށް ފަހު ރަނގަޅު ވެފައިވާއިރު، މިހާރު ފަރުވާ ދެމުން ދަނީ 786 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އައިސޮލޭޝަންގައި 670 މީހަކު ތިބިއިރު، ކަރަންޓީގައި 347 މީހަކު އެބަތިބި ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ދެ މަހެއްހާ ދުވަހު ބޭއްވުމަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ލޮކްޑައުންއަށް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ކުރިން ވެސް ބައެއް ލުއިތައް ވަނީ ދީފަ އެވެ.