13 ޖޫން 2020 - 18:40

އަންނަ ހޯމަ ދުވަހުން ފެށިގެން މި މަސް ނިމެންދެން ކޮންމެ ހަފުތާއެއްގެ ހަތަރު ދުވަހު ބީއެމްއެލް ހުޅުވައި ހިދުމަތް ދޭނެ ކަމަށް މިއަދު ބުނެފި އެވެ.
އެ ބޭންކުން ހިދުމަތް ދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. މި ދުވަސްތަކުގައި ހިދުމަތް ހޯދާ ނަމަ އެެޕޮއިންޓްމަންޓު ހައްދަން ޖެހޭނެ އެވެ.
އެޕޮއިންޓްމަންޓު ހެއްދުމަށް މިހާރު އެ ބޭންކުގެ ވެބްސައިޓުގައި ހާއްސަ ޕޯޓަލެއް (bankofmaldives.com.mv/book-appointment) ވަނީ ހުޅުވައިފަ އެވެ. މީގެ އިތުރުން ކަސްޓަމަރުގެ ފޯނު ނަންބަރާއި އައިޑީ ކާޑު ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކޮށްގެން ވެސް އެޕޮއިންޓްމެންޓު ހެއްދޭނެ އެވެ.
ބޭންކުގެ ހިދުމަތް ދޭ ދުވަސްތައް އިތުރުކުރި ނަމަވެސް އެ ބޭންކުން ފޯރުކޮށްދޭނީ އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަންޏެވެ. މީގެ ތެރޭގައި ބޭންކު ގެރެންޓީ އާއި ރިޓާން ޗެކު ބަލައިގަތުމާއި ޗެކު ފޮތަށް އެދުމާއި ބަލައިގަތުން އަދި އޭޓީއެމުން ފައިސާ ނެގުމާއި ޖަމާކުރުމަށް ލިމިޓު ކޮށްފައިވާ އަދަަދަށްވުރެ ބޮޑު އަދަދެއް ނެގުމާއި ޖަމާކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.
ބީއެމްއެލް އިން އެޕޮއިންޓްމަންޓަށް ހިދުމަތް ހޯދާ ކަސްޓަމަރުން ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.