13 ޖޫން 2020 - 18:04

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން އަންނަ ހަފުތާގައި ފެށޭވަރު ވާނެ ކަމަށް އެ ސިޓީގެ ކައުންސިލުން މިއަދު ބުނެފި އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)، "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ޕީސީއާރު މެޝިނެއް ރާއްޖޭން ބޭރުން މިހާރު މާލެ އަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މެޝިން އައްޑު އަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަފުތާއެއްގެ ތެރޭގައި މެޝިނާއި ބޭނުންވާ އެހެން ތަކެތި މިކޮޅަށް ގެނެސް، އެ ބަހައްޓައި ޓެސްޓްކުރަން ފެށޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" ސޯބެ ވިދާޅުވި އެވެ.
އެ މެޝިނުގެ ކެޕޭސިޓީއަކީ ކިހާ ވަރެއް ކަމެއް ސޯބެއް ވިދާޅެއް ނުވެ އެވެ.
އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މެޝިން އައްޑޫއަށް ގެންދާނެ ކަމަށެވެ. ވަރަށް އަވަހަށް ޓެސްޓް ކުރަން ފެށޭނެ ކަމަށާއި އެއީ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ. ޕޮޒިޓިވް ކޭސް އެއް ފެނުމާއެކު މެޝިނާއި އެއާ ގުޅުންހުރި ސާމާނު ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފައި،" ނިހާދު ކުރެއްވި ޓްވީޓްގައިވެ އެވެ.
ކޮވިޑް-19 އަށް މިހާރު ޓެސްޓްކުރެވެނީ މާލޭގައި އެކަންޏެވެ. ނަމަވެސް އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓަށް ވެސް މެޝިންތައް ފޮނުވައި ޓެސްޓްކުރަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެ ދެ ރަށުގައި ޓެސްޓް ކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކޮށްފައިވާ އުމުރުން 65 އަހަރުގެ އަންހެނަކު އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އައްޑޫގައި އަދި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 2,003 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 1,193 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި އެ ބަލީގައި 8 މީހަކު ވަނީ މަރުވެފަ އެވެ.