13 ޖޫން 2020 - 15:18

މާލޭގައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ރޭ ބަދަލުކުރުމަށް ފަހު، އަނެއްކާ ވެސް ބޭރަށް ނުކުތުން މަނާކޮށް އުސޫލު މިއަދު އިސްލާހު ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި އުސޫލުގައިވާ ގޮތުން، ދިރިއުޅޭ ރަށަކަށް ދިއުމަށް ފަހު ގޭގައި 24 ދުވަހަށް ކަރަންޓީން ވެފައި ހުންނަން ޖެހޭނެ އެވެ. ގޭގައި މީހަކު ކަރަންޓީނުކުރާ ދުވަހުން ފެށިގެން އެ މުއްދަތު ނިމެންދެން އެ ގެއަކަށް އެހެން މީހުން ގޮސް އުޅުމަކީ މަނާ ކަމެކެވެ. އެ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް އެ ގެއިން ބޭރަށް ނުދެވޭނެ ކަމަށް އެ އުސޫލުގައި އޮވެ އެވެ. ރަށެއްގެ ޓާސްކްފޯހާއި މުއައްސަސާތަކުން އެކަން ބެލުން އޮތީ ލާޒިމް ކޮށްފަ އެވެ.
ނަމަވެސް އެ އުސޫލު ބަދަލުކޮށް، އެޗްޕީއޭ އިން ރޭ އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކަރަންޓީންގައި ތިބޭ މީހުން ބޭރަށް ނުކުތުމަކީ "އެދެވިގެންވާ ކަމެއް ނޫން" ކަމަށެވެ. ފުރަތަމަ އިއުލާން ކުރި އުސޫލުގައި އޮންނަނީ ކަރަންޓީނުކުރާ މީހުން އެ މުއްދަތުގައި ގެއިން ބޭރަށް "ނުކުމެގެން ނުވާނެ" ކަމަށެވެ. ނަމަވެސް ރޭގައި އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ކަރަންޓީނުކުރާ ގޭގެ އެހެން މީހުންނަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުހިންމު ކަންކަމުގައި ބޭރަށް ދެވޭނެ ކަމަށެވެ.
ކަރަންޓީންގައި ތިބޭ މީހުން ގެ އިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ވަރަށް ސީދާކޮށް ބުނެފައި އޮތްއޮތުން ބަދަލުކޮށް، އެ އަށް ވުރެ ލުއި ކުރުމަށް ފަހު، ކުރީގެ ގޮތަށް އިސްލާހު ގެނެސް އަލުން އުސޫލު އާންމުކުރީ މީޑިއާތަކުގައި އެ ޚަބަރު ޖެހުމުންނެވެ.
އިސްލާހުކޮށް، މިއަދު މެންދުރު އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން، ކަރަންޓީން ކޮށްފައިވާ މީހާ، އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ އެވެ. މިއީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތެވެ.
ނަމަވެސް އެ ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އެގޮތަށް ނުކުންނައިރު ވެސް އެހެން ގެތަކަށް ދިއުމާއި އެހެން މީހުންނާއެކު އެއްވެ އުޅެގެން ނުވާނެ އެވެ.
އެ ދެ ކަންތަކުގެ އިތުރުން ފުރަތަމަ އިއުލާން ކުރި އުސޫލަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ރަށަށް ގޮސް ގޭގައި ކަރަންޓީނުވުމަށް ޝަރުތު ހަމަވާނީ ބަލީގެ އަލާމާތެއް ނެތް ނަމަ އެވެ.
ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓަރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެ ރަށެއްގެ ކައުންސިލް ގުޅިގެންނެވެ. ކައުންސިލުން އެކަން ޔަގީންކުރުމަށް ފަހު ފުރަންޖެހޭ ފޯމު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެ އެވެ.
- އެ ގެއެއްގައި 60 އަހަރުން މަތީގެ މީހަކު އުޅެގެން ނުވާނެ.
- އެ ގެެއެއްގައި މާބަނޑު މީހުންނާއި ދާއިމީ ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހަކު އުޅެގެން ނުވާނެ.
- ކަރަންޓީނުވާ މީހާ ހުންނަން ވާނީ ވަކި ކޮޓަރިއެއްގައި.
- ކަރަންޓީން ކުރާ މީހާ ބޭނުންކުރަން ވަކި ފާހާނާއެއް ހުންނަން ވާނެ.
- ތަށި، ސަމުސާ، ތުވާލި އަދި ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ވަކިން ގެންގުޅެންވާނެ.
- ކަރަންޓީންގައި ހުރި މީހާއާ މުއާމަލާތް ކުރުމަށް މޯބައިލް ފޯން ނުވަތަ ޓެލެފޯން ހުންނަން ޖެހޭ.
އުމުރުން 60 އަހަރުން މަތީ މީހުންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހުން ގޭގައި ކަރަންޓީނު ކުރެވޭނީ އެހީތެރިޔަކާ އެކުގައި ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ. އެހީތެރިއެއް ނެތް ނަމަ އެ މީހަކު ކަރަންޓީން ކުރަން ޖެހޭނީ ކައުންސިލުން ކަނޑައަޅާ ފެސިލިޓީއެއްގަ އެވެ.