13 ޖޫން 2020 - 12:41

ބެއިޖިން (ޖޫން 13) - ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާ ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ބުނުމާ ގުޅިގެން ބެއިޖިންގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށް އެންމެ ބޮޑު ހޯލްސޭލް މާރުކޭޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ބެއިޖިން އިން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ހަ މީހުން ދާދި ފަހުން ފެނިފަ އެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައި މި ވަނީ ޗައިނާގެ ވެރި ރަށުން އެއްވެސް ކޭހެއް ނުފެންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މުއްދަތަށް ފަހު ފުރަތަމަ ކޭސް ފެނިފައި ވަނީ ހުކުރު ދުވަހު އެވެ. ޕޮޒިޓިވްވާ މީހުންނަކީ މިއިން ދުވަހަކު ގައުމުން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ވެސް ނޫނެވެ.
ބެއިޖިންގެ ދެކުނުގެ ފެންގްޓައި ޑިސްޓްރިކްޓުގެ 11 ސަރަހައްދަކުން މިހާރު ވަނީ މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.
ޗައިނާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ބައްޔަށް ޕޮޒިޓިވް ދެ މީހަކު ވަނީ ޒިންފާދީ މާރުކޭޓަށް ދާދި ފަހުން ޒިޔާރަތްކޮށްފައި ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ ތާޒާ ކާނާގެ މާރުކޭޓުގެ ހުރިހާ ސްޓާފުން ކޮރޯނާވައިރަހަށް މިހާރު ޓެސްޓްކޮށްފައިވާ ކަމަށެވެ.
ޗައިނާގެ އޮފިޝަލުން ބުނީ ޖިންގްޝެން ސީފުޑް މާރުކޭޓް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބެއިޖިންގެ ހުރިހާ ހޯލްސޭލް ފުޑް މާރުކޭޓްތަކެއްގެ ކާބޯތަކެއްޗާއި މާހައުލް ބެލުމަށް ވަނީ އަންގައިފަ އެވެ. ބަންދުކުރި މާރުކޭޓުތަކުގެ ބޭރުގައި ފުލުހުން ވެސް މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.
އާ ކޭސްތައް ފެންނަން ފެށުމުން ބެއިޖިންގެ ގްރޭޑް 1-3 ގެ ކްލާސްތަކުގެ ކިޔެވުން ފެށުން ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓުވައި އެއް ޕްރޮވިންސް އިން އަނެއް ޕްރޮވިންސަށް ދަތުރު ކުރުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ޗައިނާ އިން މިހާތަނަށް ވަނީ 83,064 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.