މެދުއިރުމަތީގެ ޓޫރިސްޓުން ވެސް ފުރަތަމަ އަންނަން ބޭނުމީ ރާއްޖެއަށް
މެދުއިރުމަތީގެ ޓޫރިސްޓުން ވެސް ފުރަތަމަ އަންނަން ބޭނުމީ ރާއްޖެއަށް

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ޗުއްޓީ ހޭދަކުރުމަށް މެދުއިރުމަތީގެ ޓޫރިސްޓުންގެ މެދުގައި އެންމެ މަގްބޫލު މަންޒިލްތަކުގެ އެންމެ ކުރީގައި އޮތީ ރާއްޖެ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

މާކެޓިން ކުންފުންޏެއް ކަމަށްވާ އޭވިއާރެޕްސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުން މެދުއިރުމަތީގެ ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް އޯގަސްޓާއި ސެޕްޓެމްބަރު މަހަށް ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ރާއްޖެ އަށް ބުކިންތައް ހައްދަމުންނެވެ. މި ސާވޭގައި މެދުއިރުމަތީގެ 94 ޓްރެވަލް އޭޖެންސީއެއް ބައިވެރިވި އެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ގިނަ އެއާލައިންތަކެއްގެ ދަތުރުތައް އަލުން ފަށަމުން އަންނަ އިރު މެދުއިރުމަތީގެ ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް އޮގަސްޓް މަހުން ފެށިގެން ބޭރުގެ ގައުމުތަކަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވޭ ކަމަށް ސާވޭގައި ބައިވެރިވި ޓްރެވަލް އޭޖެންސީތަކުން ބުނެފައިވެ އެވެ.

މިގޮތުން ޓްރެވެލް އޭޖެންސީތަކުން ހާއްސަ ޕްރޮމޯޝަނަލް އޮފާތައް އަންނަ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރަށް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި ޓްރެވެލް ފުލް ޕެކޭޖުތަކާއި އެކޮމަޑޭޝަން އަދި ޓުއާތަކަށް ހާއްސަ ޕްރޮމޯޝަންތައް ހިމެނެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުން ދަތުރުކުރާ މީހުންގެ އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ވެފައި ވާއިރު ދެން މި ލިސްޓުގައި ހިމެނެނީ އަޒަރްބައިޖާނާއި ތުރުކީ އާއި ޖޯޖިއާ އާއި އޮސްޓްރިއާ އާއި ޔޫއޭއީގެ އިތުރުން ޖާމަނީ އާއި އޮސްޓްރޭލިއާ އާއި މެލޭޝިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކެވެ.

ދަތުރުކުރުން މިދުވަސްވަރު އެއްކޮށް ހުއްޓިފައިވާ އިރު އޮގަސްޓް މަހުން ފެށިގެން މެދުއިރުމަތީގެ ޓޫރިސްޓުން ދަތުރުކުރަން ފަށާނެ ކަމަށް ސާވޭގައި ބައިވެރިވި 60 ޕަސެންޓް އޭޖެންޓުން ބުނެފައިވެ އެވެ. އެހެން ނަމަވެސް 14 ޕަސެންޓް ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅަށް ދަތުރުތައް ފެށޭނީ އަންނަ އަހަރުން ފެށިގެންނެވެ.

މީގެ ކުރިން ދުބާއީ ޓްރެވެލް އެންޑް ޓުއާ ކޮމިއުނިކޭޝަން އޭޖެންސީ ކުރި ސާވޭން ދައްކާ ގޮތުން ސާވޭގައި ބައިވެރިވި 86 ޕަސެންޓް މީހުން މި ބަލިމަޑުކަމަށް ފަހު ދަތުރުކުރަން ބޭނުންވެ އެވެ. ޔޫއޭއީ އާއި ސައުދީގެ މީހުންގެ މެދުގައި ކުރި މިސާވޭގައިވާ ގޮތުން ކޮވިޑް-19 ހާލަތު ރަނގަޅުވިހާ އަވަހަކަށް ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދަތުރުކުރަން ބޭނުންވެ އެވެ.

މެދުއިރުމަތީގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 ހާލަތަށް ފަހު ރާއްޖެ އައުމަށް އަންނަ އަހަރަށް ގިނަ ބަޔަކު އަންނަނީ ބުކިން ހައްދަމުންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޯޑަރުތައް އަންނަ މަހު ހުޅުވާލައި ހާލަތު އިތުރަށް ގޯސް ނުވެ ކުރިއަށްދާ ނަމަ އަހަރުގެ ބާކީ އޮތް މުއްދަތުގައި ހަތަރު ލައްކަ ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ.