19 އޮކްޓޯބަރ 2016 - 12:25

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާއްމުކުރި އިރު މަރުވެފައި ތިބި މީހުންގެ ނަން ހިމެނޭތީ އެ ޝަކުވާތަކުގެ އަދަދު ގިނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ ހަފުތާގައި އާއްމުކުރި އިންތިހާބުގައި ވޯޓުލާ މީހުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މުއްދަތު ހަމަވި އިރު، 300 އެއްހާ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ހަމައެކަނި އީސީގެ އޮފީހަށް ހުށަހަޅާފައިވާ ޝަކުވާގެ އަދަދެވެ.
އެ ޝަކުވާތަކަށް ބަލާއިރު، އަކުރަމް ވިދާޅުވި ގޮތުގައި، އެންމެ ގިނައީ މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި ހިމެނުމާއި އެޑްރެސް ނުބައިވުމުގެ ޝަކުވާތަކެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ޝަކުވާ ހުށަހަޅަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށް ވުމުން، އިންތިހާބާ ގުޅޭ ގޮތުން ރަށްރަށުގައި ހުރި ޝަކުވާތަކުގެ މައުލޫމާތާއި އޭގެ އަދަދު އަދި ނޭނގޭ ކަމަށެވެ. އެހެންވެ، މުޅި ރާއްޖެއަށް ބަލާއިރު ޝަކުވާގެ މިންވަރު ގިނަވާނެ ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގައި ހުރި ޝަކުވާތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭނީ މިއަދު. އެހެންވީމަ، މިބަލަނީ ޝަކުވާގެ މިންވަރު މިއަށް ވުރެ މާ ގިނަވާނެ ކަމަށް،" އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތައް ހައްލުކޮށް، އާ ލިސްޓެއް އަންނަ ހަފުތާގައި އާއްމުކުރާނެ ކަމަށެވެ.
އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ ޝަކުވާތައް ގިނަ ނަމަވެސް، ޝަކުވާ މަދު ލިސްޓަކަށް ހަދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.