14 ޖޫން 2020 - 22:12

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިއްޔެ ނެގި 629 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 22 ސާމްޕަލް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
މިއަދު ވަނީ 94 މީހަކު ބަލިން ރަނގަޅު ވެސް ވެފަ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި މީހުންނެވެ. އަދި އުމުރުން 83 އަހަރުގެ މީހަކު ހިމެނެ އެވެ. އޭނާ އަކީ ކޮވިޑް-19 ގައި ނުރައްކާ ވެދާނެ ސިއްހީ މައްސަލަތައް ވެސް ހުރި މީހެކެވެ.
އެޗްޕީއޭ އިން މިރޭ ހާމަކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގްލާދޭޝް ނުވަ މީހަކާއި އިންޑިއާ މީހަކާއި ތައިލެންޑް މީހަކާއި ނޭޕާލް ދެ މީހެކެވެ.
ރާއްޖޭން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 8 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން އިޓަލީ ދެ މީހަކު ފުރައިގެން ގޮސްފައިވެ އެވެ. އެހެންވެ މިހާރު ރާއްޖެގައި ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 714 އެވެ.
ކޮވިޑް-19ގެ ޖެހިފައި ހުރި މީހަކު ރާއްޖޭން ފުރަތަމަ ފެނުނީ މާޗް ހަތް ވަނަ ދުވަހު އެވެ. އެއީ ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ. މި ކޭސް އަށް ފަހު އޭޕްރީލް ހަތަރު ވަނަ ދުވަހާ ހަމަ އަށް 20 ކޭސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ ބައެއް މުވައްޒަފުންނާއި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިންނެވެ. ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ރާއްޖޭން ކޮވިޑް-19 ފެނުނީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ 43 ދުވަހުން ފަހުން މިދިޔަ މަހުގެ 30 ގައި ލުއިތައް ދޭން ފަށައި މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފަ އެވެ.
ހުއްދަ ނެގުމަކާ ނުލައި ބޭރުގައި އުޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ދޭއިރު ވިޔަފާރީގެ ހަރަކާތްތައް ވެސް މިހާރު ވަނީ ލުއިތަކާ އެކު ފަށައިފަ އެވެ. އަދި އަންނަ މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވެސް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އަދި އިއްޔެގެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ވެސް ވަނީ ހުޅުވައިފަ އެވެ. އެކަމަކު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް އަދި ނެވެ.
ލުއިތައް ދިން ނަމަވެސް އަދިވެސް ކޮވިޑް-19ގެ ކޭސްތައް ފެންނަމުން ދާތީ މި ބަލިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސިއްހީ އިދާރާތަކުގެ އިރުޝާދަށް ތަބާވުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.