ރަށަށް ގޮސް ކަރަންޓީނުވާ މީހުން ގެއިން ނުކުތުން މިހާރު މަނަލެއް ނޫން
ރަށަށް ގޮސް ކަރަންޓީނުވާ މީހުން ގެއިން ނުކުތުން މިހާރު މަނަލެއް ނޫން

މާލޭގައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ބަދަލުކޮށް އެއީ "އެދެވިގެންވާ ކަމެއް ނޫން" ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ކަރަންޓީނުކުރާ ގޭގެ އެހެން މީހުންނަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުހިންމު ކަންކަމުގައި ބޭރަށް ދެވޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން އާންމުކުރި އުސޫލުގައިވާ ގޮތުން ދިރިއުޅޭ ރަށަކަށް ދިއުމަށް ފަހު ގޭގައި 24 ދުވަހަށް ކަރަންޓީން ވެފައި ހުންނަން ޖެހޭނެ އެވެ. އަދި ގޭގައި މީހަކު ކަރަންޓީނުކުރާ ދުވަހުން ފެށިގެން އެ މުއްދަތު ނިމެންދެން އެ ގެއަކަށް އެހެން މީހުން ގޮސް އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް އެ ގެއިން ބޭރަށް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ރަށެއްގެ ޓާސްކްފޯހާއި މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެ އެވެ.

އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން، ގޭގައި ދިރިއުޅޭ މީހުން ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ދެވިދާނެ އެވެ. އަދި އެ މީހުން އެހެން ގެތަކަށް ނުދިޔުމާއި މީހުން އެއްވެ އުޅޭ ތަނަށް ނުދިޔުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ކޮވިޑް-19 އާ ގުޅިގެން ގޭގައި ކަރަންޓީނުކުރާ މީހާ، ކަރަންޓީނުކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން އެދެވިގެން ނުވެ އެވެ." އިސްލާހުގައިވެ އެވެ.

ކުރިން އޮންނަނީ ކަރަންޓީނުކުރާ މީހުން އެ މުއްދަތުގައި ގެއިން ބޭރަށް "ނުކުމެގެން ނުވާނެ" ކަމަށެވެ.

އިސްލާހުކުރި އާ އުސޫލުގައި މި ނޫން މާބޮޑު ބަދަލެއް ނެތެވެ.

ރަށަށް ގޮސް ގޭގައި ކަރަންޓީނުވުމަށް ޝަރުތު ހަމަވާނީ ބަލީގެ އަލާމާތެއް ނެތް ނަމަ އެވެ.

ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެރަށެއްގެ ކައުންސިލް ގުޅިގެންނެވެ. އަދި ކައުންސިލުން އެކަން ޔަގީންކުރުމަށް ފަހު ފުރަންޖެހޭ ފޯމް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެ އެވެ.

- އެ ގެއެއްގައި 60 އަހަރުން މަތީގެ މީހަކު އުޅެގެން ނުވާނެ
- އެ ގެެއެއްގައި މާބަނޑު މީހުންނާއި ދާއިމީ ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހަކު އުޅެގެން ނުވާނެ
- ކަރަންޓީނުވާ މީހާ ހުންނަންވާނީ ވަކި ކޮޓަރިއެއްގައި
- ކަރަންޓީންކުރާ މީހާ ބޭނުންކުރަން ވަކި ފާހާނާއެއް ހުންނަން ވާނެ

- ތަށި، ސަމުސާ، ތުވާލި އަދި ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ވަކިން ގެންގުޅެންވާނެ

އުމުރުން 60 އަހަރުން މަތީ މީހުންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހުން ގޭގައި ކަރަންޓީނު ކުރެވޭނީ އެހީތެރިޔަކާ އެކުގައި ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ. އެހީތެރިއެއް ނެތް ނަމަ އެމީހަކު ކަރަންޓީން ކުރަން ޖެހޭނީ ކައުންސިލުން ކަނޑައަޅާ ފެސިލިޓީއެއްގަ އެވެ.