14 ޖޫން 2020 - 08:26

ބޮލީވުޑްގެ ފިލްމީ ޚަބަރުތަކާއި ފިލްމި ފަންނާނުންނާ ބެހޭ އިންޓަވިއުތައް ގެނެސްދޭ މަޝްހޫރު މަޖައްލާ ފިލްމުފެއާގެ މި މަހުގެ އަދަދު، ދާދި ފަހުން މަރުވި ދެ އެކްޓަރުން ކަމަށްވާ ރިޝީ ކަޕޫރާއި އިރުފާން ޚާނަށް ހާއްސަކޮށް، އެ އަދަދު ހިލޭ ކިޔައިލެވޭ ގޮތަށް ދޫކޮށްލައިފި އެވެ.
ރިޝީ އާއި އިރުފާންގެ ވާހަކަ މި މަހުގެ އަދަދުގެ ކަވަ ސްޓޯރީގައި ގެނެސްދީފައި ވަނީ ދެ ތަރިންގެ "ފެއާވެލްއެއް" ގެ ގޮތުގަ އެވެ. އެގޮތުން ދެ ތަރިންގެ ކެރިއަރުގެ ވަރަށް ގިނަ ވާހަކަތައް ހިމަނާފައިވެ އެވެ.
މިއީ ރިޝީ އާއި އިރުފާންގެ ފޭނުން ކިޔައިލަން ފިލްމުފެއާ މަޖައްލާގެ ވަރަށް ޝައުގުވެރި އަދަދަކަށްވާނެ އެވެެ.
އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނުނު އިރުފާން 53 އަހަރުގައި މަރުވީ ކެންސަރުގެ ނާދިރު ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގައި އެޕްރީލް މަހުގެ 29 ގަ އެވެ. ލޭގެ ކެންސަރު ބަލީގައި ރިޝީ މަރުވީ އިރުފާން މަރުވިތާ އެއް ދުވަސްފަހުން އެޕްރީލް މަހުގެ 30 ގަ އެވެ.
ދެ ތަރިންގެ ކުއްލި ވަކިވުންވެގެން ދިޔައީ މުޅި އިންޑިއާ އަށް އަދި ވަކިން ހާއްސަކޮށް މުޅި ބޮލީވުޑަށް ލިބުނު ފުން ހިތާމައަކަށެވެ.
ރިޝީ އަކީ އިންޑިއާގެ ފުރަތަމަ ފިލްމީ އާއިލީ ކަމަށްވާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާގެ އާއިލާ އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ އެވެ. ރިޝީގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެ، އެތައް އެވޯޑެއް ވެސް ހޯދާފައިވެ އެވެ.
އިރުފާނަކީ ފިލްމީ ކަމަކާ އެއްވެސް ގުޅުމެއް ނެތް އާދައިގެ އާއިލާއަލުން ނުކުމެ، އޭނާގެ އާދަޔާހިލާފު މޮޅު އެކްޓިން އިން އިންޑިއާގެ އިތުރުން ހޮލީވުޑްގެ މަގުބޫލުކަން ބެސް ހޯދި ތަރިއެކެވެ.
މި ދެ ތަރިންގެ ހަނދާންތައް އާކޮށް، ފިލްމުފެއާ މަޖައްލާގެ މި މަހުގެ އަދަދު ހާއްސަކޮށް، ހިލޭ ކިޔައިލެވޭ ގޮތަށް ދޫކޮށްލާފައިވާ އިރު، އޭގެ ޕީޑީއެފް ފައިލް ޑައުންލޯޑްކޮށްލެވޭނެ އެވެ.
ފިލްމުފެއާ އަކީ 1952 އިން ފެށިގެން ޗާޕްކޮށްގެން ނެރެމުން އަންނަ ވަރަށް މަގުބޫލު މަޖައްލާއެކެވެ.