މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 ޖެހުނު ގިނަ މީހުން ރަނގަޅުވެއްޖެ
މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 ޖެހުނު ގިނަ މީހުން ރަނގަޅުވެއްޖެ

މުޅި ދުނިޔޭގެ ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7.7 މިލިއަނަށް ވުރެ އިތުރު ވިޔަސް އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ހިސާބުތަކަށް ބަލާއިރު ވެސް ފެންނަނީ، ބަލި ޖެހިފައި ތިބި މީހުން ރަނގަޅުވާ ރޭޓް މަދުވެ ބަލީގައި ތިބި މީހުންގެ އަދަދު ދަށްވަމުންދާ ތަނެވެ.

ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ބަލާ މިންގަނޑަށް ގެނައި ބަދަލާ އެކު ވަރަށް ގިނަ ގައުމުތަކުގައި މިހާރު ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާރު ވަނީ 3.9 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އިން ރަނގަޅުވެފަ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 428،248 މީހަކު މަރުވެފައިވެ އެވެ. އެހެންވެ މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 3.3 މިލިއަނެވެ.

ކޮވިޑް-19ގެ ހިސާބުތައް ބަލަހައްޓަމުން އަންނަ ވެބްސައިޓްތަކުގެ މައުލޫމާތަށް ބަލާއިރު މިހާރު މި ބަލީގައި ތިބި މީހުންގެ ތެރެއިން 98 ޕަސެންޓަކީ ބަލީގެ އަސަރު ވަރަށް ކުޑަކޮށް ހުރި މީހުންނެވެ. އެއީ 3.2 މިލިއަނެވެ. ސީރިއަސް ނުވަތަ ކްރިޓިކަލް ހާލުގައި ތިބީ ދެ ޕަސެންޓް މީހުންނެވެ. މި އަދަދު އުޅެނީ 60،000 އިން ދަށުގަ އެވެ.

މިހާތަނަށް ކްލޯޒް ކޮށްފައިވާ ކޭސްތައް ނުވަތަ ރަނގަޅުވި މީހުންނާއި މަރުވި މީހުންގެ ކޭސްތަކުގެ ޖުމްލަ އަށް ބަލާއިރު 90 ޕަސެންޓް މީހުން ވަނީ ފަރުވާ ފުރިހަމަކޮށް ދޫކޮށްލައިފަ އެވެ. އެއީ 3.9 މިލިއަނެވެ. އަދި 428،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެއީ 10 ޕަސެންޓެވެ.

ބަލި ޖެހުނު މީހުންގެ އަދަދު އެންމެ ގިނަ ފަސް ގައުމަކީ އެމެރިކާ، ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޔޫކޭ އެވެ. ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ އެމެރިކާއިންނެވެ.

ކޮވިޑް-19 ފެތުރުން އެއްކޮށް ހުއްޓުމަކަށް ނައި ނަމަވެސް ވަރަށް ގިނަ ގައުމުތަކުން މިހާރު އަންނަނީ ލޮކްޑައުން ލުއިކޮށް، އާންމު ހާލަތަކަށް ރުޖޫއަވުމަށް މަސައްކަތްކުރަމުންނެވެ.