13 ޖޫން 2020 - 11:21

ކޮލަމްބޯ (ޖޫން 13) - ކޮވިޑް-19 ގެ ބަލި މީހުންނަށް އެހީތެރިވުމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ސިއްހީ އޮފިޝަލުންނަށް ފަސް ތަރީގެ ހޮޓާތަކުން އާއިލާއާ އެކު ދެ ދުވަސް ނުވަތަ ތިން ދުވަހުގެ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ، ހެލްތު ސެކްރެޓަރީ އަށް އަންގަވައިފި އެވެ.

ރައީސްގެ އެ އެންގެވުން ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ހާމަކުރައްވާފައި ވަނީ ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރުންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ. ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރުންނާއި ޑޮކްޓަރުން ވަނީ ފަރުވާ ދިނުމުގައި ބަލި މީހުންނާއި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ދިމާވާ ދަތިތައް ހެލްތު މިނިސްޓަރަށް ހުށަހަޅައިފަ އެވެ.
ހޮސްޕިޓަލްތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމުގައި ފިޔަވަޅު އެޅުމަށް ހެލްތު ސެކްރެޓަރީ މޭޖާ ޖެނެރަލް ސަންހީވާ މުނަސިންހަ އަށް ހެލްތު މިނިސްޓަރު ވަނީ އަންގަވައިފަ އެވެ.
ސްރީ ލަންކާ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 1،880 މީހުންނެވެ. އެ ގައުމުން މަރުވީ 11 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ ތިން މީހުންނެވެ. ލަންކާ އިން މިހާތަނަށް ރަނގަޅުވެފައި ވަނީ 1،196 މީހުންނެވެ.