13 ޖޫން 2020 - 11:38

ކިއޭވް (ޖޫން 13) - ލޮކްޑައުންގެ އަމުރާ ޚިލާފަށް ބޭރަށް ނުކުމެވަޑައިގަތުމުން ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ވިދާޅުވީ އޭނާ ޖޫރިމަނާކޮށްފައި ވަނީ ލޮކްޑައުންގެ އުސޫލުތަކާ ޚިލާފަށް، މި މަހު 3 ވަނަ ދުވަހު މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޚްމެލްނީޓްސްކީގެ ކެފޭއަކަށް ވެންނެވުމުން ކަމަށެވެ. ޒެލެންސްކީގެ އޮފީހުން ފަހުން ވަނީ އެ ކެފޭގައި ރަހުމަތްތެރިންނާ އެކު ކޮފީ ބައްލަވަން ޒެލެންސްކީ އިންނެވި ފޮޓޯއެއް އާއްމުކޮށްފަ އެވެ. އެ ކެފޭ އަށް ވަޑައިގެން ޒެލެންސްކީ ކޮފީ ބެއްލެވި އިރު ޔުކްރޭނުގައި ކެފޭތަކުގެ އެތެރޭގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުން އޮތީ މަނާކޮށްފަ އެވެ. ޒެލެންސްކީ ކެފޭގައި އިންނެވީ މާސްކް ވެސް ނާޅުއްވަ އެވެ.
"ޖޫރިމަނާ ކުރުމަކީ ރަނގަޅަށް ކުރި ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ޖޫރިމަނާކުރި އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.
ޒެލެންސްކީ ވިދާޅުވީ ގަސްދުގައި އަމިއްލަ އަށް ކޮވިޑް-19 ޖެހެން ވެސް އެއް ފަހަރެއްގައި ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށެވެ. އެއީ އޭގެ ނުރައްކާ ޔުކްރޭނުގެ ރައްޔިތުންނަށް އަންގައިދޭން ކަމަށް ވިދާޅުވި އެވެ.
އަނެެއްކޮޅުން ރައީސް ޒެލެންސްކީގެ އަނބިކަނބަލުން އޮލެނާ ޒެލެންސްކާ އިއްޔެ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެކަމަނާ ވިދާޅުވީ ފިރިކަލުންނާއި ދެ ދަރިކަލުންގެ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށެވެ.
އުމުރުން 42 އަހަރުގެ ފަސްޓް ލޭޑީ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެކަމަނާގެ ހާލު ރަނގަޅު ކަމަށެވެ.
ޔޫކްރޭނުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ލޮކްޑައުން ލުއިކުރުމާ އެކު އެ ގައުމުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އާދަޔާޚިލާފަށް އިތުރުވާން ފަށާފައިވާ ކަމަށެވެ. ރައީސް ޒެލެންސްކީ ވަނީ ކޭސްތައް އިތުރުވާ ސަބަބު ދެނެގަތުމަށް އަންގަވައިފަ އެވެ. ބައެއް ތަޖްރިބާކާރުން ބުނަނީ ކޭސްތައް އިތުރުވާން ފެށީ ޓެސްޓްކުރާ މިންވަރު އިތުރު ކުރުމުން ކަމަށެވެ.
ޔުކްރޭނުން ވަނީ މެއި މަހު ފަހުކޮޅާއި ޖޫން މަހު ކުރީކޮޅުން ފެށިގެން ލޮކްޑައުން އަށް ލުއިދޭން ފަށައިފަ އެވެ.
ޔުކްރޭނުން މިހާތަނަށް ވަނީ 29,753 މީހުން ޕޮޒިޓިވްވެ 870 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 683 މީހުން ޕޮޒިޓިވްވެ 16 މީހުން މަރުވެފަ އެވެ.