މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް
މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް

އޭނާ ބުނާގޮތުން އެއްވެސް މީހެއްގެ މައްޗަށް ރުޅިވެރިކަމެއް، ހަސަދަވެރިކަމެއް އޭނާގެ ނެތެވެ. އުފަންރަށް، ނ. މާޅެންދޫގެ އެންމެން ކަހަލަ ގޮތަކަށް އޭނާއާ ވަރަށް ރަހުމަތްތެރި އެވެ. އެކަމަކު ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ކާކުކަން ނޭނގޭ މީހެއްގެ ފަރާތުން ވަނީ އެކި ކަހަލަ ގޯނާތައް ކުރިމަތިވެފަ އެވެ. ގިނައީ ބޮޑެތި އަނިޔާތަކެއް ލިބިދާނެ ފަދަ ކަންކަމެވެ.

މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް
މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް

އެކަމަކު މިދިޔަ އަންގާރަ ދުވަހު މި އަންހެން މީހާ އަށް ކުރިމަތިވި އަނިޔާ ދުވަހަކު ވެސް ހިތުން ނުފިލާނެ އެވެ. ކުއްޅަވައްފަލުގައި ހުއްޓައި، ކަރުގައި ހިފައި ނޭވާ ހާސްކޮށްލައި ހަމަލާ ދިނީ، އޭނާ ތުހުމަތުކުރާ ގޮތުން، މަރާލުމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަނިޔާ ލިބުނު މީހާގެ އަވަށްޓެރިއެއް ކަމަށްވާ 50 އަހަރުގެ ފިރިހެނެކެވެ.

މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް
މާޅެންދޫ އަންހެނަކަށް މީހަކު ގޯނާކުރާތާ ފަސް އަހަރު، އެންމެ ފަހުން މަރުގެ ހަމަލާއެއް

އަނިޔާ ލިބުނު 39 އަހަރުގެ މީހާގެ ނަން މި ލިޔުމުގައި ވާނީ ސިއްރުކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަހު ހެނދުނު ހައެއް ޖަހާކަންހާއިރު، ގެއާ ކައިރީގައި އޮންނަ ކުއްޅަވައްފަލަށް ވަންއިރު އެ ސަރަހައްދުން މީހަކު ފެންނާކަށް ވެސް ނެތެވެ. އެކަމަކު ފާލުގެ މާ އެތެރެއަށް ނުވަދެވެނީސް ފަހަތުން ކޮންމެވެސް މީހަކު އައިސް އަނގަމަތީގައި އަތް އަޅައި ގަދަކަމުން ގަސްތަކުގެ ތެރެއަށް ގެންދަން މަސައްކަތްކުރި އެވެ. ނަމަވެސް އެހާ ދުރަށް ނުގެންދެވެނީސް އޭނާ ބަނޑުވަތަށް ވެއްޓުނީ އެވެ.

ހަމަލާދިން މީހާގެ މޫނު ފެނުނެވެ. އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއްސުރެ އޭނާއަށް ރުޅި މޫނު ދައްކައި، އެކި ގޯނާތައް ކުރި ކަމަށް ޝައްކު ކުރެވޭ އަވަށްޓެރިއާ އެވެ. އޭނާ ބުނި ގޮތުގައި، ވެއްޓުމުން ފިރިހެން މީހާ އޭނާގެ ބުރަކަށިމަތީގައި އިށީނދެ ކަރުގައި ހިފި އެވެ. އަދި ހަޅޭއްލަވަން އުޅުމުން އަނގަ އާއި ނޭފަތް މަތީގައި އަތް އަޅައި ނޭވާ ހާސްކޮށްލުމުން ޚަބަރު ހުސްވީ އެވެ.

"އަޅުގަނޑު ހޭ އެރީ އޭގެ އިރުތަކެއް ފަހުން. ދެން އަވަހަށް ހަޅޭއްލަވަމުން ގެއާ ދިމާއަށް ދުއްވައިގަތީ،" އޭނާ ކިޔައިދިނެވެ.

ތެޅެމުން ފޮޅެމުން ގެއާ ހިސާބަށް ގޮސް، ގޭގެ މީހުން ފެނުމާއެކު އޭނާ އަނެއްކާ ވެސް ހޭނެތުނެވެ. އޭރު އަނގައިން ލޭ އައިސް، ކަރުގައި ހިފިތަން ވެސް ހުރީ މަށައިގެން ގޮސްފަ އެވެ. އޭނާ ދެން ހޭ އެރީ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުންނެވެ.

އަނިޔާ ލިބުނު އަންނަ މީހާގެ ދަރިއަކު ކިޔައިދިން ގޮތުގައި އަވަށްޓެރިއާ މަންމަގެ ކަރުގައި ހިފުމުގެ ސަބަބުން ކަރުގެ ދެތަނެއްގައި ނިޝާން ހުއްޓެވެ. އަދި ސަލާމަތްވާން ވެގެން ތެޅިފޮޅުމުން ގައިގެ އެކި ތަންތަން ވެސް ޒަހަމް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މަންމަ ބުނި ގޮތުން އޭނާ މަންމަ ދޫކޮށްލާފައި ދިޔައީ ޚަބަރު ހުސްވުމުން މަރުވީ ކަމަށް ހީކޮށް،" ދަރިފުޅު ބުންޏެވެ.

މާރާމާރީ ހިންގުމުގެ ތުހުމަތުގައި އަވަށްޓެރިއާ ހައްޔަރުކުރީ އެ ދުވަހުގެ ހަވީރު ހައެއް ޖަހާކަންހާއިރު އެވެ.

ލިބުނު އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރުމުން އޭނާ އަށް މާ ގިނަ ވާހަކައެއް ނުދެއްކުނެވެ. ދެން ކިޔައިދިނީ އޭނާގެ އަންހެންދަރިފުޅެވެ.

ދަރިފުޅު ބުނި ގޮތުގައި މީގެ ކުރިން މަންމަ އަށް އެކި ކަހަލަ ގޯނާތައް ކުރިމަތިވިޔަސް، އެކަން ކުރަނީ ސީދާ ކާކުކަމެއް ނޭނގެ އެވެ. އަދި އެ ނޫނީ މީގެ ކުރިން، ގަޔަށް އަތްލައި އަނިޔާކޮށްފައި ނުވާކަމަށް ބުންޏެވެ.

އެ ގޯނާތަކުގެ ފަހަތުގައި ހުރީ އަވަށްޓެރިޔާ ކަމަށް، ފަސް ކުދިންގެ މަންމަ ޝައްކުކުރަނީ، އަނިޔާ ލިބުނު މީހާ މަގުމަތިން ފެނުމުން އޭނާ އާއި ދަރިންނާ ދިމާއަށް ވަށްބަހުން އެކި ކަހަލަ އެއްޗެހި ބުނާތީ އެވެ. އަދި ގޭ ދޮރުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންދޭތަން، ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން ފެނުމުންނެވެ.

"އޭނަ އެހެން ރުޅި އައިސް އެއްޗެހި ކިޔާތީ އަޅުގަނޑުމެން މަންމަ ކައިރީ ވަރަށް އަހަން ކޮބައިތޯ އަސްލު މައްސަލަ އަކީ. މަންމަ ބުނާ ގޮތުން އޭނަ ރުޅި އަންނަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް. އެއީ ރައްޓެއްސެއް ނޫން. އަވަށްޓެރިއެއް ވީމައި ހަމައެކަނި ދަންނަކަން،" އަންހެން ދަރިފުޅު ކިޔައިދިނެވެ.

އޭނާ ބުނީ އަވަށްޓެރިޔާ ރުޅި އަންނަން ޖެހޭ އަސްލު ސަބަބު ނޭނގުނަސް، އެކި މީހުން ކައިރީ އެ ފިރިހެން މީހާގެ ދަރިންނަށް، މަންމަ ފަންޑިތަ ހަދާ ކަމަށް ތުހުމަތުވާ މޭރުމަކުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންވެ، ބަދަލެއްގެ ގޮތުން މަންމަގެ "ދުވަސް ދުއްވާލާނަމޭ" ބުނެފައިވާ ކަމަށް ވެސް ދަރިފުޅު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިން ފަހަރެއްގެ މަތިން އެ ގޭގެ ފެން ތާނގީއަށް ކޮންމެވެސް މީހަކު ވަނީ ކެމިކަލް އަޅައިފަ އެވެ. އަދި އެއް ފަހަރަކު، ގޭގެދޮރުކަނި މަތީ، ދޮރު ހުޅުވާލާއިރަށް ބޮލަށް ވެއްޓޭގޮތަށް ބޮޑު ލަކުޑިގަނޑެއް ބާއްވާފައި އޮތް ކަމަށާއި އެ ފަހަރު ވެސް މަންމަގެ ބޮލަށް އެ ވެއްޓި ވަރަށް ބޮޑަށް އަނިޔާވި ކަމަށް ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އެ ފަދަ ނުރައްކާތެރި ހަމަލާއެއް މަންމަ އަށް ވަނީ އަމާޒުކޮށްފަ އެވެ. އެ ފަހަރު ފެނުނީ އޭނާ އާއްމުކޮށް މަދު ހޮވަން ދާ ގަސްދޮށުގައި ކަކުލާ ހަމަ އަށް ވަޅެއް ކޮނެ އަނދަވަޅެއް ހަދާފައި ހުއްޓަ އެވެ. ވަޅުގެ އަޑީގައި ބާއްވާފައި އޮތީ މޮހޮރު ޖަހައި، މޮހޮރުތަކުގެ ތޫނުކޮޅު މައްޗަށްވާ ގޮތަށް އޮތް ފިލާގަނޑެކެވެ. އެ އަނދަވަޅަށް ވެއްޓުނީ މަދުހޮވަން ދިޔަ އެހެން އަންހެނެކެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން އަދިވެސް އެ އަންހެން މީހާ އުޅެނީ އެ އަނިޔާގަ އެވެ.

"އެކަމަކު މިއިން އެއްވެސް މައްސަލައެއް އަޅުގަނޑުމެން ފުލުހުންނަށް ހުށައެއް ނާޅަން. އެއީ ސީދާ މިވެނި މީހަކު ކުރިކަމެކޭ ބުނެވޭ ވަރަށް އަޅުގަނޑުމެން އަތުގައި ހެކި ނެތުމުން. އަދި އެކަން ކުރާތަން ނުފެންނާތީ،" ދަރިފުޅު ބުންޏެވެ.

"އެކަމަކު ހައްތަހާ ވެސް (އަވަށްޓެރިއާއަށް) ޝައްކު ކުރެވެނީ އޭނާ ނޫން އެހެން މީހަކު އެހެން ރުޅިވެރިކަމެއް ނުބާއްވާތީ،"

މާޅެންދޫގެ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ވެސް، އަނިޔާ ލިބުނު މީހާގެ އާއިލާ އާއި އޭނާގެ އަވަށްޓެރިޔާއާ ދެމެދު އޮތް ރުޅިވެރިކަމެއް ނޭނގުނެވެ. ރުޅި ގަދަ މީހެއްގެ ގޮތުގައި އެ ރަށު ބައެއް މީހުން ސިފަކުރި އެ ފިރިހެން މީހާ އަކީ މީހަކާ އިނދެގެން، ފަސް ކުދިން ހުންނަ އަދި އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަމަވެސް، ވަރަށް ކުރިއްސުރެ އޭނާގެ ގޯނާތައް، މިފަހަރު މަރުގެ ހަމަލާ އަކުން ސަލާމަތްވި މީހާ އަށް ލިބެމުންދާކަން މާޅެންދޫގެ ގިނަ ބަޔަކަށް އެނގެ އެވެ.

އަނިޔާ ލިބުނު މީހާގެ ދަރިން ބުނި ގޮތުގައި އެ މީހުން ބޭނުންވަނީ މަންމައަށް ލިބެމުންދާ އެ ގޯނާތަކަށް ނިމުން އަންނާށެވެ. ނުރައްކާތެރި ތުހުމަތުތަކެއް އަވައްޓެރިޔާއަށް ކުރެވޭއިރު މައްސަލަ ސާބިތު ނުވެ ދޫކޮށްލުމުން ދެން ލިބިދާނެ ގެއްލުން މާބޮޑުވާނެ ކަމަށް އެ މީހުން ދެކެ އެވެ.