13 ޖޫން 2020 - 05:30

ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމެއް އަކްޝޭ ކުމާރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާތަނަށް އަދި އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައި ނުވާތީ އަކްޝޭ އަކީ، ސަންޖޭގެ ވިޝް ލިސްޓްގެ ކުރީގައި އުޅޭ އެކްޓަރެކެވެ. ރިޕޯޓްތައް ބުނާގޮތުން "ގާބިލް" އާއި "ކާންޓޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ވަނީ އޮންލައިންކޮށް އަކްޝޭއާ އެކު ބައްދަލުވުމެއް ބާއްވައި، ސްކްރިޕްޓެއް ހިއްސާކޮށްފަ އެވެ. އަދި އެއީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށްވާނެ ކަމަށާއި އަކްޝޭއާ އެކު ގުޕްތާ ހަދާ ފިލްމުގެ މަސައްކަތް ފަށާނީ "ޝޫޓްއައުޓް" ގެ ސީރީޒްގެ ތިން ވަނަ ފިލްމަށް ފަހު ކަމަށްވެ އެވެ.
ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ "މުމްބާއީ ސާގާ" އެވެ. ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމުގެ ލީޑް ތަރިންނަކީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީ އެވެ.
އެކްޓަރު އަބީޝެކް ބައްޗަންގެ ފުރަތަމަ ވެބް ސީރީޒް "ބުރީތު: އިން ޓު ދަ ޝެޑޯސް" ސީޒަން ދޭއް އަންނަ މަހުގެ 10 އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ފަސްޓްލުކް ވެސް އޭނާ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ. "ބްރީތު" އަކީ 2016 ގައި އަށް އެޕިސޯޑާ އެކު ގެނެސްދިން ސީރީޒްގެ ދެވަނަ ސީޒަނެވެ. އޭގެ ކާމިޔާބީ އަށް ފަހު، ދެވަނަ ސީޒަން މި ގެނެސްދެނީ ކާސްޓަށް އަބީޝެކް ވެސް އިތުރުކޮށް، އިތުރު ކާސްޓަކާ އެކީގަ އެވެ.
މި ކްރައިމް ޑްރާމާގެ ޑައިރެކްޓަރަކީ މަޔަންކް ޝަރުމާ އެވެ. ފުރަތަމަ ސީޒަނުގެ މައިގަނޑު ތަރިންނަކީ އާރް މަދަވަން އާއި އަމިތު ސާދެވެ. "ބްރީތު" ގެ ދެވަނަ ސީޒަންގައި ހިމެނޭ ކާސްޓުންގެ ތެރޭގައި ސައްޔާމީ ކޭރް އަދި ނިތިޔާ މެނެން ހިމެނެ އެވެ.
އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޑޯ" އާއި "ބޮބް ނިވާސް" އަދި "ދަ ބިގް ބުލް" ހިމެނެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރުން ދަވަނާ އެކު ޑައިރެކްޓަރު ޝިޝާންކް ކައިތާން އިއުލާންކުރި ފިލްމު "މިސްޓަ ލޭލޭ" ގެ މަސައްކަތް ބައެއް ސަބަބުތަކާ ހެދި ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައި ވަނިކޮށް، އެ ފިލްމަށް ކާސްޓުން ހޯދާ ކަމަށް ބުނެ މީހަކު އޮޅުވާލައިގެން ފައިސާ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމާ ބެހޭ ގޮތުން ޝިޝާންކް އިންސްޓްގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ނިތޭޝް ޝަރުމާ ކިޔާ މީހަކު އޭނާ އަކީ "މިސްޓަ ލޭލޭ" ގެ ކާސްޓިން ޑައިރެކްޓަރު ކަމަށް ބުނެ، އޮޑިޝަނަށް ފުރުސަތު އޮތް ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމަށެވެ. އަދި އެއީ އޮޅުވައިލުމަކަށްވާތީ ސަމާލުވުމަށް އެދިފައިވެ އެވެ. ޝިޝާންކް ބުނިގޮތުގައި "މިސްޓަ ލޭލޭ" މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން "މިސްޓަ ލޭލޭ" ގެ ބަތަލާއިންނަކީ ޖާންވީ ކަޕޫރާއި ބޫމީ ޕިޑްނޭކަރެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ. ނަމަވެސް ފިލްމު ނަހަދައި މަޑުޖައްސާލި ސަބަބެއް ހާމައެއްނުކުރެ އެވެ.
ލޮކްޑައުނާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ފަހުން ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި ފިލްމު "ގުލާބޯ ސިތާބޯ" ލީކްކޮށްލައިފި އެވެ.
އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާ މުހިއްމު ރޯލްތައް ކުޅެފައިވާ މި ކޮމެޑީ-ޑްރާމާ ލީކްކޮށްލީ މި ފަހަކަށް އައިސް ރިލީޒްކުރާ ގިނަ ފިލްމުތައް އިންޓަނެޓްގައި ލީކްކޮށްލާ ޓަމިލް ރޮކާޒްއިންނެވެ.
"ގުލާބީ ސިތާބޯ" އަކީ ޝުޖިތު ސިރްކާ ގާތްގަނޑަކަށް 35 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) އިން ހަދާފައިވާ ފިލްމެކެވެ. އެ ފިލްމު އެމެޒޯނަށް ޑިޖިޓަލް ރައިޓްސް ވިއްކައިލީ ގާތްގަނޑަކަށް 63 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) އަށެވެ.
"ގުލާބޯ ސިތާބޯ" ރިވިއުކުރަމުން ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ މިއީ ވަރަށް ފަރުވާ ބަހައްޓައިގެން ލިޔެފައިވާ ވަރަށް ފޫހި ފިލުވައިދޭ ޝައުގުވެރިި ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ. ފިލްމަށް ތަރަން ދީފައި ވަނީ ފަސް ތަރިން ތިނެއް ބައިގެ ރޭޓިންއެކެވެ.