އިންޑިއާގައި އޮންނަ ފެންގަނޑެއް ފިޔާތޮށިކުލަ އަށް ބަދަލުވެއްޖެ
އިންޑިއާގައި އޮންނަ ފެންގަނޑެއް ފިޔާތޮށިކުލަ އަށް ބަދަލުވެއްޖެ

ކޮވިޑް-19 ގެ ސަބަބުން ގައުމުތައް ލޮކްޑައުންކުރުމުން ދުނިޔޭގެ އެކި ހިސާބުތަކަށް ތިމާވެށީގެ ގޮތުން އެކި ކަހަލަ ހެޔޮ ބަދަލުތަކެއް އައިސްފައިވެ އެވެެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދުއްވާ އެއްޗެހި ކުރިން ތޮއްޖެހިފައި އޮތް މަގުތަކަށް ހިމޭންކަން އައިސް ވަރަށް ގިނަ ސިޓީތަކުގެ ވައިގެ ސާފުކަން އިތުރުވެގެން ދިއުމެވެ.

އިންޑިއާގައި އޮންނަ ފެންގަނޑެއް ފިޔާތޮށިކުލަ އަށް ބަދަލުވެއްޖެ
އިންޑިއާގައި އޮންނަ ފެންގަނޑެއް ފިޔާތޮށިކުލަ އަށް ބަދަލުވެއްޖެ

އިންޑިއާގެ ނިއު ދިއްލީ ކަހަލަ ސިޓީތަކަކީ ދުނިޔޭގައި ވައިގެ ތަޣައްޔަރުކަން އެންމެ ބޮޑު ތަންތަނެވެ. އެކަމަކު ލޮކްޑައުންއާ އެކު އެ ސިޓީގެ ވައިގެ ނުސާފުކަން ވަރަށް ބޮޑަށް ފިލައިގެން ގޮސްފައިވެ އެވެ.

މިހާރު އިންޑިއާގައި އެންމެ ގިނަ ބައެއް ސަމާލުކަން ހުއްޓިގެން އުޅޭ ކަމަކީ މަހާރަޝްތުރާ ސްޓޭޓްގައި އޮންނަ 50،000 އަހަރުވީ ފެންގަނޑެއް ކުއްލިއަކަށް ފިޔާތޮށި ކުލަ އަށް ބަދަލުމަށެވެ. މިއީ ކިހިނެއްވެގެންވި ކަމެއްކަން ކަށަވަރެއް ނުވެ އެވެ. އެކަމަކު ތިމާވެއްޓާ ބެހޭ މާހިރުން އަންނަނީ މިކަމާ ގުޅިގެން އެކަހަލަ ތިއަރަތީތައް ވެސް ނެރެމުންނެވެ.

އެގޮތުން މަހާރަޝްތުރާ ސްޓޭޓްގެ ލޮނާރް ލޭކްގެ ކުލަ ފިޔާތޮއްޓަށް ބަދަލުވާން ޖެހުނު ސަބަބެއް ކަމަށް ބައެއް ތަޖުރިބާކާރުން ބުނަނީ ލޭކްގެ ފެންގަނޑުގެ ސެލައިނިޓީ ނުވަތަ ލޮނުގެ އަސަރު އިތުރުވުމެވެ. އަދި ހަމަމިއާ އެކު މީގެ ސަބަބަކަށް އަލްގީ ވެސް ވެދާނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން މަހާރަޝްތުރާގެ ޓޫރިޒަމްގެ ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޖިއޮލޮޖިސްޓެއް ކަމަށްވާ ގަޖަނަން ޚަރާތު ވިދާޅުވީ މީގެ ކުރިން ވެސް ލޮނާރް ލޭކްގެ ފެންގަނޑުގެ ކުލަ ބަދަލުވެފައިވާ ކަމަށެވެ. އޭގެ ފެންގަނޑު ކުރިން އޮންނަނީ ގަދަ ވިލުކުލައެއްގަ އެވެ.

"އެކަމަކު މިހާރު މި ފާހަގަކުރެވޭ ވަރަށް ބޮޑަށް ފެންގަނޑުގެ ކުލަ ބަދަލުވެފައި ނުވާތީ އެކަން ކުރިން އެހާ ބޮޑަށް ސަމާލު ކަމަށް އައިސްފައި ނެތީ،" އޭނާ ވިދާޅުވި އެވެ.

ގަޖަނަން ވިދާޅުވި ގޮތުގައި ފެންގަނޑުގެ ކުލަ ފިޔާތޮއްޓަށް ބަދަލުވުމުގެ ސަބަބަކަށް ފެންގަނޑު ވަރަށް ބޮޑަށް ހިކި، ތިލަވުމުގެ ސަބަބުން ލޮނުގެ މިންވަރު އިތުރުވުމަކީ ވެދާނެ ގޮތެކެވެ.

"އެކަމުގެ ސަބަބުން ފެންގަނޑުގެ އެތެރޭގެ ހާލަތަށް ބަދަލު އައިސް މިހާރު ފިޔާތޮށި ކުލަ އަށް ބަދަލުވެފައި އޮތުމަކީ ވެދާނެ ގޮތެއް." އޭނާ ވިދާޅުވި އެވެ.

ލޮނާރް ލޭކުން ފެނުގެ ސާމްޕަލް ނަގައި، ލެބޯރެޓަރީގައި ޓެސްޓްކޮށް، ކުލަ ބަދަލުވުމުގެ ހަގީގަތް ހޯދުމުގެ މަސަައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

"ރެޑް އަލްގީގެ ސަބަބުން މިގޮތަށް ފެންގަނޑުގެ ކުލަ ބަދަލުވެދާނެތޯ ރިސާޗަރުން މިހާރު އަންނަނީ ދިރާސާކުރަމުން." ގަޖަނަން ވިދާޅުވި އެވެ.

ލޮނާރް ލޭކް އޮންނަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގެ އިރުމަތީ ފަރާތުގެ 500 ކިލޯމީޓަރު (311 މޭލު) ދުރުގަ އެވެ.

ފެންގަނޑު ފިޔާތޮށި ކުލައިގައި ހުންނަ ދުނިޔޭގެ ލޭކްތަކުގެ ތެރޭގައި އެމެރިކާ ޔުޓާގެ ގްރޭޓް ސޯލްޓް ލޭކާއި އޮސްޓްރޭލިއާގެ ލޭކް ހިލިއާ ފާހަގަކޮށްލެވެ އެވެ.