12 ޖޫން 2020 - 14:14

ވޮޝިންޓަން (ޖޫން 12) - އެމެރިކާ ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ގައުމުތައް، ޚާއްސަކޮށް އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ބަލާތީ އެ ކޯޓުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެމެރިކާގެ އިހްތިސާސްއާ ގުޅޭ ކަންކަމަށް އައިސީސީ އިން ވަންނާތީ ކުރިން ވެސް ވާނީ އެކަންކަމާ ދެކޮޅު ހަދާފައި ކަމަށެވެ.
ޓްރަމްޕުގެ އެންގެވި ފިޔަވަޅުތަކުގެ ދަށުން، އައިސީސީގައި މައްސަލަ ބަލާ އޮފިޝަލުންގެ މުދާތައް ހިފެހެއްޓުމާއި އެ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުން އެމެރިކާ އަށް އެތެރެކުރުން މަނާވާނެ އެވެ.
"އައިސީސީގެ އަމަލުތަކަކީ އެމެރިކާ ރައްޔިތުންގެ ހައްގުތަކަށް ދިން ހަމަލާއެއް،" ވައިޓް ހައުސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ އެ ފިޔަވަޅަށް އިޒްރޭލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ގައުމުތަކުގެ ސަރުކާރުތަކުން އިންސާފު ނުލިބޭނެ ކަމަށް ބެލެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އައިސީސީ އުފެއްދީ 2002 ވަނަ އަހަރު އެވެ. އެ ކޯޓުގެ މެންބަރުންގެ ގޮތުގައި 123 ގައުމު ހިމެނެ އެވެ. އެމެރިކާ އިން އައިސީސީގައި ބައިވެރިއެއް ނުވެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ ވިދާޅުވެފައި ވަނީ އައިސީސީ އަކީ "ކެންގަރޫ ކޯޓެއް" ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ބުނާ ކުށްތަކާއި އިޒްރޭލް ސިފައިން ފަލަސްތީނު މީހުންނަށް ދޭ އަނިޔާތައް ބަލާ ނަމަ އައިސީސީގެ މުވައްޒަފުންނަށް އަދަބު ދޭނެ ކަމަށެވެ.
އައިސީސީގެ އޮފިޝަލުންނަށް ފިޔަވަޅު އަޅަން ނިންމުމުން އދ. އާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.