12 ޖޫން 2020 - 10:34

ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ޓީމު ކުޅިވަރުތަކުގެ ޕްރެކްޓިސްތައް ކަނޑައެޅިގެންދާ އުސޫލުތަކުގެ ތެރެއިން ފެށުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ ވިދާޅުވީ މިކަމާ ގުޅޭ ކަންތައްތައް ކުރިއަށް ގެންދާނީ ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކަމަށާއި ތަފްސީލްތައް ހާމަކުރަމުންގެންދާނެ ކަމަށެވެ.
"ކޮންޓެކްޓް ނުވަތަ ޖެހިގެން ނުވަތަ ކްލޯސް ކޮންޓެކްޓްގައިވާ ޓީމު ހަރަކާތްތައް ޖުލައި މަހުގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީއާ ވާހަކަ ދައްކާފައި ކަނޑައެޅޭ އުސޫލެއްގެ ދަށުން ހުޅުވާލެވޭނެ އިންތިޒާމެއް ގާއިމްކުރެވޭނެ،" ޝައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހު ފެށިގެން ދޭން ހަމަޖެހިފައިވާ ލުއިތަކާ ބެހޭގޮތުން ކަންތައްތައް ނިމިގެންދާނީ މި މަހު 15 ވަނަ ދުވަހުން ފެށިގެން ދެމުންދާ ލުއިތަކުގެ ސަބަބުން ހާލަތަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމަށެވެ.
ދާދި ފަހުން ވީޑިއޯ ކޮންފަރެންސްކޮށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ނިއު ނޯމަލް އުސޫލުތަކުގެ ތެރެއިން ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް އަލުން ފަށާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
ނިއުނޯމަލްގެ ގައިޑްލައިންތަކެއް އެކުލަވާލައި ފުޓްބޯޅަ ޓީމުތަކުގެ ޕްރެކްޓިސް ފަށަން އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަނުން ނިއު ނޯމަލްގައި ޕްރެކްޓިސްތައް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދައި އެޗްޕީއޭ އަށް ހުށަހަޅައިފަ އެވެ. އެ އެސޯސިއޭޝަނުގެ ސީނިއާ ނައިބް ރައީސް އަދި މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބް (ޑޮކް) ވިދާޅުވީ އެޗްޕީއޭ އިން ބޭނުންވާ ކަންތައްތައް ހިމަނައި ވަރަށް އަަވަހަށް އެ ޕްލޭން އާންމުކުރާނެ ކަމަށެވެ.
ފުޓްބޯޅައިގެ ޕްލޭނުގައި، ޑިސްއިންފެކްޓް ގޭޓް ބެހެއްޓުމާއި ކޮންމެ ޓީމެއްގައި ކުޅުންތެރިންގެ ސިއްހީ ކަންތައްތައް ބަލަހައްޓައި ރިޕޯޓްކުރަން ދެ މީހަކު ހަމަޖެއްސުން ހިމެނެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މި މަހުގެ ތެރޭގައި ގޭގައި ތިބެގެން ގައުމީ ފުޓްބޯޅަ ޓިމުގެ ކުޅުންތެރިންގެ އިންޑިވިޖުއަލް ޓްރެއިނިންތަކެއް ފެށިގެންދާއިރު، އަންނަ މަހު ދަނޑު މައްޗަށް ނުކުމެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް-19 އަށް ފަހު މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ޓީމުތަކުގެ ޓްރެއިނިންތައް ފަށަން ހުއްދަ ދިނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ފޭހުގައި ކުރިއަށްދަނީ ވަކި ވަކި ކުޅުންތެރިންގެ އިންޑިވިޖުއަލް ޓްރެއިނިންތަކެވެ. ދެ ވަނަ ފޭހުގައި ދެނީ ގައި ދުރުކަން ބަހައްޓައި ހަ ކުޅުންތެރިންގެ ގްރޫޕް ޓްރެއިނިން އަށެވެ. ތިން ވަނަ ފޭހުގައި ކޮންޓެކްޓް ޓްރެއިނިން ކުރިއަށްގެންދަން ފުރުސަތު ދެ އެވެ. އެ ގައުމުތަކުގައި ވަނީ ޓްރެއިނިންތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފަ އެވެ.