ޕީޕީއެމްގެ ކައުންސިލުން މެމްބަރު އަމީތު އިސްތިއުފާ ދެއްވައިފި
ޕީޕީއެމްގެ ކައުންސިލުން މެމްބަރު އަމީތު އިސްތިއުފާ ދެއްވައިފި

ޕީޕީއެމްގެ ކައުންސިލަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ކަނޑައަޅާފައިވާ އެއް މެމްބަރު، ރ. މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އެ ކައުންސިލުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އިސްތިއުފާ ދެއްވީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ކައުންސިލަށް 10 މެމްބަރުން ހޮވީ އެއް އަހަރު ދުވަހަށް ކަމަށް ވެފައި، އެ މުއްދަތު މިދިޔަ އޭޕްރީލް 30 އަށް ހަމަވެފައިވާތީ ކަމަށެވެ.

"އެއީ އަޅުގަނޑުމެން އެއްބަސްވި ގޮތް. އެހެންވެ އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް ފެންނާތީ އިސްތިއުފާ ދިނީ،" އަމީތު ވިދާޅުވި އެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިއްބަވަނީ އަށް މެމްބަރެކެވެ. އަމީތުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވެސް ވަނީ މި ހަފުތާގައި ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ޕީޕީއެމް މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން، ސެކްރެޓަރީ ޖެނެރަލް ކަމަށް ހަލީލް އައްޔަން ކުރަން ނިންމުމުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އިންތިހާބީ މަގާމެއްގައި ހުންނަ މެމްބަރަކަށް ޕާޓީގެ ވަޒީފާއެއްގައި ނުވަތަ އިދާރީ މަގާމެއްގައި ނުހުރެވޭނެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ތެރެއިން، އެ ޕާޓީ ހިންގުން ސިވިލް ކޯޓުން މިހާރު ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ނަތީޖާއަކީ ދެ ފެކްޝަނަށް ނިސްބަތްވާ ކައުންސިލެއް ހިންގަމުން ގެންދިއުމެވެ.

އަމީތު ކައުންސިލުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީގެ ކޯޅުން ހޫނުވި ފަހުން، އެއްވެސް ފެކްޝަނަކުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ،