12 ޖޫން 2020 - 12:09

ނަގްޕޫރު (ޖޫން 12) - އިންޑިއާގައި ލޮކްޑައުން އަށް އެޅި ފިޔަވަޅުތަކުގެ ނިމުން ފާހަގަ ކުރުމަށް މެދުތެރޭގެ ސިޓީއެއް ކަމަށްވާ ނަގްޕޫރުގައި ބޭއްވި ޕާޓީއަކުން 180 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

މުނިސިޕަލް ކޮމިޝަނަރު ތުކަރަމް މުންދެ ވިދާޅުވީ 180 މީހުން ޕޮޒިޓިވްވެފައި ވަނީ ޕާޓީ އިންތިޒާމްކުރި މީހާގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި އެއް އާއިލާއަކުން ޕޮޒިޓިވްވި 16 މީހުން ހިމެނެ އެވެ. މީގެ އިތުރުން ޕޮޒިޓިވްވި މީހުންނާ ބައްދަލުވި ގާތްގަނޑަކަށް 700 މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.
ލޮކްޑައުންގެ ނިމުން ފާހަގަކުރަން ޒުވާނަކު އިންތިޒާމްކުރި ޕާޓީގައި އޭނާ އެންމެ ފުރަތަމަ ދައުވަތު ދިނީ ގާތް ރަހުމަތްތެރިންތަކަކަށެވެ. ޕާޓީގައި ކެއުން ތައްޔާރު ކުރަން އެ ޒުވާނާ ވަނީ ކައިރީގައިވާ އަވަށެއްގެ މާރުކޭޓަކަށް ގޮސް އެއްގަމު މަސް ގަނެފަ އެވެ. އެ މާރުކޭޓަކީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރޭ ތަނެކެވެ.
އެންމެ ފަހުން އެ ޒުވާނާ ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ. އޭނާ އެންމެ ފުރަތަމަ ބުނީ ވައިރަސް އެރީ ޕާކަކަށް ހިނގާލަން ގޮސް އުޅެނިކޮށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ، ހަލުވިކަމާ އެކު ވައިރަސް ފެތުރޭ މާރުކޭޓަކަށް ގޮސް މަސް ގަތް ކަމަށް އެއްބަސްވެފަ އެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ ވައިރަސް ފެތުރޭ ގޮތަށް ބާއްވާ އިވެންޓްތައް ވަރަށް ގިނަ މީހުން ސިއްރު ކުރާ ކަމަށެވެ. އަދި އެއީ މުޖްތަމައުގައި ވައިރަސް ފެތުރުމަށް އޮތް ބޮޑު ބިރެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާ އިން ވަނީ ކޮރޯނާވައިރަހަށް 298,283 މީހުން ޕޮޒިޓިވްވެ އެންމެ ގަދަޔަށް ބަލި ފެތުރޭ ހަތަރު ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. އިންޑިއާ އިން މަރުވެފައި ވަނީ 8،501 މީހުންނެވެ.