ފެން މީޓަރުގެ ފޮޓޯ ނުފޮނުވޭ ގެތަކުން ރީޑިން ނަގަން ފަށައިފި
ފެން މީޓަރުގެ ފޮޓޯ ނުފޮނުވޭ ގެތަކުން ރީޑިން ނަގަން ފަށައިފި

މި މަހުގެ ފެން ބިލް ތައްޔާރު ކުރަން ފެން މީޓަރުގެ ރީޑިންގެ ފޮޓޯ ނުފޮނުވޭ ކަސްޓަމަރުންގެ ގެތަކުން އެމްޑަބްލިއުއެސްސީން ކުރިއެކޭ އެއްގޮތަށް ރީޑިން ނަގާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލެ ލޮކްޑައުން ކުރުމާ އެކު އެމްޑަބްލައިއުއެސްސީން ވަނީ ފެން ބިލް ތައްޔާރު ކުރުމަށް މީޓަރުގެ ފޮޓޯ އެ ކުންފުނީގެ މޯބައިލް އެޕްލިޚޭޝަން ބޭނުންކޮށްގެން ފޮނުވައި ދިނުމަށް އެދިފަ އެވެ. ނަމަވެސް ފޮޓޯ ފޮނުވުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަތަކާ ދިމާވާތީ އެ ކަސްޓަމަރުންގެ ގެތަކުން ރީޑިން ނަގަން މުވައްޒަފުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން މުވައްޒަފުން ފޮނުވައިގެން ރީޑިން ނަގަން ފެށި ނަމަވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެތަކުން ރީޑިން ނުނަގާނެ އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް، އެޕް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވޭ ކަސްޓަމަރުން ފޮޓޯ ފޮނުވައި ދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މީޓަރުގެ ފޮޓޯ ނުފޮނުވާ ކަސްޓަަމަރުންނަށް މީގެ ކުރިން ދެމުން އައީ އެވްރެޖް ބިލެކެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ގެތަކުގެ ތެރެއިން މީޓަރުގެ ފޮޓޯ ނުފޮނުވާ ގެތަކަށް ލިބޭނީ އެވްރެޖް ބިލެއް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާއިރު ސަރުކާރުން ވަނީ ފެން ބިލުންނާއި ކަރަންޓު ބިލުން ލުއިތަކެއް ދީފަ އެވެ. އެގޮތުން ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭއިރު ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.