މާލެ ފިޔަވައި ހުރިހާ ރަށެއްގައި ހޯމަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ
މާލެ ފިޔަވައި ހުރިހާ ރަށެއްގައި ހޯމަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިސްކިތްތައް ހުޅުވައިލަން މިހާރު ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިން އަށް ލާފައިވާ މާލެ އާއި ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ދެ ރަށެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، "މިހާރު" އަށް ވިދާޅުވީ މޮނިޓަރިން އުވާލިތާ 14 ދުވަސް ހަމަ ނުވާތީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދީ އޮތް ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ ކަމަށެވެ. މޮނިޓަރިން އުވާލި މުއްދަތު ހަމަވުމުން، އަންނަ ހޮނިހިރު ދުވަހު ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު އަންނަ ހޯމަ ދުވަހުން ފެށިގެން މަނަދޫ ގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން މިހާރު ލޮކްޑައުންގައި މި އޮތް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ 15 އިން ފެށިގެން. އަލުން އެ ރަށްރަށް މޮނިޓަރިންނަށް ނުލާ ނަމަ މިގޮތަށް މިކަން ކުރިއަށް ދާނެ،" އަފްރާހް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ހަތް ރަށަކީ ވެސް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ރަށްރަށެވެ. މާލެ ފިޔަވައި ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފަ އެވެ.

މިސްކިތްތައް ހުޅުވައިލި ރަށްރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގައި ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭވައި މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.