އިންޑިއާގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެއްޖެ
އިންޑިއާގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެއްޖެ

ނިއު ދިއްލީ (ޖޫން 11) - ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ބަލިން ރަނގަޅުވެގެން 141،119 މީހުން ދޫކޮށްލާފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 138،445 މީހުން ކަމަށެވެ. އޭގެ ތެރޭން ސީރިއަސް ކޭސްތަކުގެ ގޮތުގައި ބަލާފައި ވަނީ 8،944 އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 287,679 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 8،115 މީހުންނެވެ. އެކަމަކު ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކާ އަޅާ ބަލާއިރު އިންޑިއާގައި މީހުން މަރުވި ރޭޓް ދަށެވެ.

އިންޑިއާގެ ލޮކްޑައުން އަށް މިދިޔަ މަހު މެދުތެރޭން ފެށިގެން ދޫދޭން ފެށުމާ އެކު ވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ޓެސްޓް ކުރެވޭ އަދަދު ދަށްވުމުން އިންޑިއާގައި ބަލީގެ ނުރައްކާ އޮތް އަސްލު މިންވަރެއް ނޭނގެ އެވެ. މިސާލަކަށް ޓަމިލް ނާޑޫގައި ޓެސްޓް ކުރެވެނީ ކޮންމެ އެއް މިލިއަން މީހުންނަށް 18،000 މީހުންނެވެ. ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ މަހާރާޝްތުރާ ސްޓޭޓުގައި ޓެސްޓް ކުރެވެނީ ކޮންމެ އެއް މިލިއަނަކަށް 4،688 މީހުންނެވެ. މުޅި ގައުމަށް ބަލާ އިރު ޓެސްޓް ކުރެވޭ އެވްރެޖަކީ ކޮންމެ މިލިއަނަކަށް 680 މީހުންނެވެ.

އިދާރީ ވެރިރަށް ނިއު ދިއްލީ އާއި މާލީ ވެރިރަށް މުމްބާއީގައި ދަނީ ހަލުވިކަމާ އެކު ބަލި ފެތުރެމުންނެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް އަރާނެ އެވެ.