12 ޖޫން 2020 - 05:40

މީގެ 27 އަހަރު ކުރިން ޑައިރެކްޓަރު ސުބާޝް ގާއީ ގެނެސްދިން ކާމިޔާބު ފިލްމު "ކަލް ނަޔަކް" ގެ ސީކްއެލްއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ސްކްރިޕްޓް ވެސް ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ބުނީ "ކަލް ނަޔަކް" ގެ އިތުރުން އޭނާގެ އަލަތު ޑައިރެކްޝަން ކަމަށްވާ 1976 ގެ "ކާލިޗަރަން" ގެ ރިމެކެއް ހަދަން ވެސް ހަދަން ނިންމައި އޭގެ ސްކްރިޕްޓް ވެސް ނިންމާފައިވާ ކަމަށެވެ.
ގާއީ ބުނިގޮތުގައި ލޮކްޑައުނަށް ފަހު، ފިލްމުތަކުގެ ޝޫޓިން ފަށަން ހުއްދަ ލިބުމާ އެކު، ދެ ފިލްމުގެ ވެސް މަސައްކަތްތަކަށް ތައްޔާރުވާނެ އެވެ. އެކަމަކު އަދިވެސް އިންޑިއާގެ ސިނަމާތައް ހުޅުވޭނެ އިރެއް ނޭނގުމާއި ކޮވިޑް-19 ފަހު، ސިނަމާތަކުގެ ވިޔަފާރި އަށް އަންނާނެ ބަދަލަކަށް ބަލައިފައި ފަހަރުގައި، ދެ ފިލްމު ވެބް-ސީރީޒްގެ ގޮތުގައި ވެސް ހަދައިދާނެ ކަމަށް ބުންޏެވެ.
ގާއީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1993 ގެ "ކަލް ނަޔަކް" އަކީ ސަންޖޭ ދަތާއި މަދޫރީ ޑިކްސިޓާއި ޖެކީ ޝްރޮފް މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ. މީގައި ކިޔައިދެނީ ޕޮލިހަކު (ޖެކީ) އޭނާގެ ލޯބިވެރިޔާ (މަދޫރީ) ގެ އެހީގައި ކުށްވެރިޔަކު (ސަންޖޭ) އަތުލައިގަންނަން ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިވާ ކަންކަމެވެ.
މި ފިިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ލަވައެއް ކަމަށްވާ "ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ" ވެގެން ދިޔައީ ވަރަށް މަޝްހޫރުވި އަދި އެހާމެ ފާޑުކިޔުންތަކެއް އަމާޒުވި ލަވައަކަށެވެ. ސަބަބަކީ ލަވައިގެ ޅެމުގައި ދެ މާނަ ނެގޭ ކަހަލަ ބަސްތަކެއް ހުރުމެވެ.
"ކަލް ނަޔަކް" ގެ ސީކްއެލްއެއް ހަދާ ވާހަކަ އެންމެ ފުރަތަމަ ކަށަވަރުކޮށް ދިނީ މިދިޔަ އަހަރު ސަންޖޭ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) ދިން އިންޓަވިއުއެއްގައި މަދޫރީ ބުނީ އެ ފިލްމުގެ ސީކްއެލްއެއް ހަދަން އުޅޭކަން ނޭނގޭ ކަމަށެވެ.
"އަލަށް ތި ވާހަކަ މި އަޑުއެހީ. އަދި ތިއީ ވަރަށް ސަޕްރައިިން ޚަބަރެއް ވެސް މެ." އޭނާ ބުންޏެވެ.
މަދޫރީ ވަނީ "ކަލް ނަޔަކް" ގެ ކުރިން ވެސް ގާއީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 1989 ގެ "ރާމް ލަކަން" ގަ އެވެ.
"ހީރޯ" އާއި "ކަރްޒް" އާއި "ތާލް" އަދި "ޕަރުދޭސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ގާއީ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.