އަޖޭގެ އަންހެނުންގެ ރޯލަށް ޝްރިޔާ ސަރަން
އަޖޭގެ އަންހެނުންގެ ރޯލަށް ޝްރިޔާ ސަރަން

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ ފިލްމު "އާރްއާރްއާރް" ގެ ރޯލަކަށް ބަތަލާ ޝްރިޔާ ސަރަން ސޮއިކޮށްފި އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ އެކަން ކަށަވަރުކޮށްދެމުން އިންސްޓަގްރާމް-ލައިވް އިންޓަވިއުއެއްގައި ބުނީ އޭނާ ފިލްމުން ފެންނާނީ އަޖޭ ދޭވްގަންގެ އަންހެނުންގެ ރޯލުން ކަމަށެވެ. "އާރްއާރްއާރް" އިން އަޖޭ ފެންނާނީ އެކްސްޓެންޑެޑް ކެމިއޯއަކުންނެވެ.

"އަހަރެންގެ މަންޒަރުތައް ފެންނާނީ ފްލޭޝްބެކަކުން،" ފިރިމީހާގެ ގައުމު ރަޝިއާގައި ހުރި ޝްރިޔާ، 37، ބުންޏެވެ. "އިންޑިއާ އަށް ދަތުރުކުރެވޭ ގޮތްވުމާ އެކު އިންޑިއާ އަށް ގޮސް ފިލްމުގެ ކްރޫއާ ގުޅޭނަން."

ޝްރިޔާ ވަނީ ކުރިން ވެސް އަޖޭއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ޑްރިޝަމް" ގަ އެވެ. ރާޖަމޯލީއާ އެކު ޝްރިޔާ ވަނީ މީގެ 15 އަހަރު ކުރިން މަސައްކަތްކޮށްފަ އެވެ. އެއީ "ބާހްބަލީ" ގެ ބަތަލު ޕްރަބާސްއާ އެކު ރާޖަމޯލީ ގެނެސްދިން ތެލެގޫ އެކްޝަން-ޑްރާމާ "ޗަތުރަޕަތީ" ގަ އެވެ.

"އާރްއާރްއާރް" ގެ ޝޫޓިން އިންޑިއާގެ ލޮކްޑައުނާ އެކު ހެދި ހުއްޓިފައިވާ އިރު، ފިލްމުގެ މަސައްކަތް ފަށާފައި ވަނީ 2018 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމުގެ ބަތަލުންނަކީ ދެކުނުގެ ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ އާލިއާ ބަޓެވެ.

"ބާހްބަލީ" ގެ ދެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، ރާޖަމޯލީ ގެނެސްދޭ "އާރްއާރްއާރް" އަކީ 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދޭ ބޮޑު ފިލްމެކެވެ.

ކުރިން މި އަހަރުގެ ޖުލައި 31 އަށް ތާވަލުކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.