19 އޮކްޓޯބަރ 2016 - 09:22

ދިވެހި ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކުރައްވާފައިވާ މއ. ޕެރިސްގޭ އަލީ ނަސީމް (ކޮއްޔަ ނަސީމް) ރޭ ފަތިހު ނިޔާވެއްޖެ އެވެ.
އާއިލާ އިން ބުނި ގޮތުގައި އުމުރުން 59 އަހަރުގެ ނަސީމް ނިޔާވިކަން އެނގުނީ، ފަތިސް ނަމާދަށް ހޭނުލުމުންނެވެ.
ކުޅިވަރަށް ހިދުމަތްކުރުމުން ހިތްވަރުގެ ދިނުމުގެ އިނާމް ހާސިލްކުރައްވާފައިވާ ނަސީމް، 59، ރޭ ވެސް ވަރަށް ލަސް ވަންދެއް އެފްއޭއެމްގެ މަސައްކަތުގައި އުޅުއްވި އެވެ. އެގޮތުން ކްލަބްތަކުގެ ޕްރެކްޓިހަށް ޓާފް ދަނޑުގެ އިންތިޒާމްތައް ހަމަޖައްސައި ދެއްވި އެވެ.
"އަޅުގަނޑުމެންނާ ޓާފް ދަނޑު ރޭ ވެސް ހަވާލުކުރީ ނަސީމް. ރޭ ވަރަށް ލަސްވަންދެއް އެފްއޭއެމްގެ މަސައްކަތުގައި އުޅުނު،" މާޒިޔާގެ އޮފިޝަލަކު ބުންޏެވެ.
ކޮއްޔަ އަކީ 1991 ވަނަ އަހަރުން ފެށިގެން ކްލަބް ވެލެންސިއާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ގައުމީ އެކި ފުޓްބޯޅަ ޓީމުތަކުގައި ވެސް ވަރަށް ގިނަ ދުވަސްވަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ޓީމުގެ އެސިސްޓަންޓް މެނޭޖަރުކަން ކުރެއްވި އެވެ. ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ފުޓްބޯޅަ ޓީމުތަކާއި އަންހެން ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
"ނަސީމަކީ ފުޓްބޯޅައިގެ ހަގީގީ ހިދުމަތްތެރިއެއް،" ވެލެންސިއާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވި އެވެ.
"ކުރާ ކޮންމެ ކަމެއް ވަރަށް އިހުލާސްތެރިކަމާ އެކު ވަރަށް ފުރިހަމއަށް ކުރާނެ. އެކަމުގެ ރިޕޯޓް ބަރާބަރަށް ދެއްވާނެ."
ދޮނާ ވިދާޅުވީ މިއަދަކީ ދިވެހި ފުޓްބޯޅައަށް ކަޅު ދުވަހެއް ކަމަށާއި ނަސީމަކީ ޖުމްލަކޮށް މުޅި ފުޓްބޯޅައަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ވެލެންސިއާގެ މަސައްކަތްތަކުގައި 80ގެ އަހަރުތަކުން ފެށިގެން އުޅުއްވި ކޮއްޔަ ވެލެންސިއާއާ ރަސްމީކޮށް ގުޅުނީ 1991 ވަނަ އަހަރެވެ. އޭގެ ފަހުން 2000ގެ އަހަރުތަކާ ހަމަޔަށް އެ ޓީމުގެ އެސިސްޓަންޓް މެނޭޖަރުގެ މަގާމް އަދާކޮށް ކްލަބް ހިންގުމުގައި ބޮޑު ޒިންމާއެއް ނެންގެވި އެވެ. ހާއްސަކޮށް 1995 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ވެލެންސިއާ އިން މިލްކުކުރަން ނުކުތްއިރު އެކަމުގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ.
ހިލޭ ސާބަހަކަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ ނަސީމަކީ ކަށުކަމާކެމީގެ ކަންކަމުގައި ވެސް އެއްވެސް އުޖޫރައެއް ނެތި އަމަލީ ގޮތުން އުޅުއްވި ބޭފުޅެކެވެ. އޭނާގެ ހިތްހެޔޮކަން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ މީހުންގެ ހަނދާނުގައި އަބަދުވެސް ދެމިންނާނެ އެވެ.
ނަސީމުގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގަ އެވެ.