12 ޖޫން 2020 - 05:42

ޒުވާންކަމާ ގުޅޭ ގޮތުން "ޔޫތު" ގެ ނަމުގައި ހަދާ ސައިންސް ފިކްޝަން ފިލްމަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕިއާސް ބްރޮސަން ސޮއިކޮށްފި އެވެ.

ޖޭމްސް ބޮންޑްގެ ރޯލް ވެސް ހަތަރު ފިލްމެއްގައި ކުޅެފައިވާ 67 އަހަރުގެ އެކްޓަރު ފިލްމުގައި ފެނިގެންދާނީ 70 އަހަރުގައި ވަޒީފާ އިން ރިޓަޔާކުރަން ޖެހުމުން ޓެކް-އިންޖިިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބްރޮސަން އަށް ދިމާވާ ކަންތައްތަކެކެވެ. "ޔޫތު" ގައި އޭނާގެ އުމުރުން 20-70 އާ ދޭތެރޭ ދައްކުވައިދޭނެ އެވެ.
މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ބްރެޓް މާޓީ "ޔޫތު" ގެ ނަމުގައި 2016 ގައި ލިޔުނު ކުރު ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވަނީ ޖޯޝް އިޒެންބާގާއި އެމީލިއާ ވިޓްކޮމްބެވެ.
ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ބްރޮސަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔޫރޯ ވިޝަން ސޯންގް ކޮންޓެސްޓް: ދަ ސްޓޯރީ އޮފް ފަޔާ ސާގާ" އާއި "ސިންޑްރެއްލާ" އާއި "ދަ މިސްފިޓްސް" އަދި "ފޯލްސް ޕޮޒިޓިވް" ހިމެނެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ފައިނަލް ސްކޯ" އެވެ.