11 ޖޫން 2020 - 11:46

ލިވަޕޫލް (ޖޫން 11) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގު ކުޅުން ފަށާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި އެވަޓަން ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު އެހެން ދަނޑަކަށް ބަދަލުކުރަން ދެކެވުނު ވާހަކަ ނިމުމަކަށް އައިސް އެ މެޗު ކުރިން ވެސް އޮތް ގޮތަށް އެވަޓަން ދަނޑުގައި ބާއްވަން ހުއްދަދީފި އެވެ.
ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗުތައް ކުޅުނު ނަމަވެސް ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، ސޯޝަލް ޑިސްޓެންސިން އުސޫލުތަކާ ހިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފުލުހުންނަށް ފެންނަ ފަސް މެޗެއް އެހެން ދަނޑުތަކެއްގައި ކުޅެން މީގެ ކުރިން މަޝްވަރާކުރެވުނެވެ. އޭގެ ތެރެއިން އެއް މެޗަކީ މި މަހު 21 ވަނަ ދުވަހު އެވަޓަންގެ ގުޑިސަން ޕާކުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އެހެން ދަނޑަކަށް ބަދަލުކުރާނަމަ ކުޅެން ރޭވީ ސައުތެމްޓަން ދަނޑުގަ އެވެ.
އިއްޔެ ލިވަޕޫލްގެ ސޭފްޓީ އެޑްވައިޒަރީ ގްރޫޕުންނާއި ފުލުހުން އަދި ޕްރިމިއާ ލީގުން ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ އެވަޓަން ދަނޑުގައި އެ މެޗު ކުޅޭ ގޮތަށެވެ. އަދި ހަމަނުޖެހުންތަކާއި އުސޫލާ ހިލާފު އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ ގްރޫޕުން މައުލޫމާތު ދެ އެވެ.
އިންގްލެންޑްގެ މާސީސައިޑަށް ނިސްބަތްވާ ލިވަޕޫލާއި އެވަޓަންގެ މެޗުތަކަކީ ހަމަނުޖެހުން ބޮޑު މެޗުތަކެކެވެ. އެއް ސަރަހައްދަކަށް ނިސްބަތްވާ މި ދެ ޓީމުގެ މެޗުތަކަށް ފަހު ސަޕޯޓަރުންގެ ކުރިމަތިލުންތަކެއް ވެސް ދަނޑު ބޭރުގައި ހިނގަ އެވެ. އެ ދެ ކްލަބްގެ ސަޕޯޓަރުންގެ ގްރޫޕުން ވަނީ މިކަހަލަ އުނދަގޫ ދަނޑިވަޅެއްގައި އެ ފަދަ ކަންތައްތައް ހިނގިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.
ލިވަޕޫލް ސަރަހައްދުގެ ފުލުހުން ކުރިން ވަނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ވެސް މެޗުތައް ބޭއްވުމުގައި ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ބުނެފަ އެވެ. އެކަމާ ބެހޭގޮތުން އެޑްވައިޒަރީ ގްރޫޕުން ބުނީ އެންފީލްޑްގައި ވެސް މެޗުތައް ބޭއްވޭނެ މާހައުލެއް އެބައޮތް ކަމަށާއި ސަޕޯޓަރުން ދަނޑު ބޭރުގައި އެއްވުމުގެ މައްސަލަތައް ފުލުހުން ބަލާނެ ކަމަށެވެ.
މާޗް މަހު މެދުތެރޭގައި މެދުކަނޑާލި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލް މި ވަގުތު އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން 25 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލަށް ލީގު ކަށަވަރުކުރަން ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު މި މަހު 17 ވަނަ ދުވަހު އަލުން ލީގު ފަށާ މެޗުގައި މެންޗެސްޓާ ސިޓީ އަތުން އާސެނަލް މޮޅުވެއްޖެނަމަ 21 ވަނަ ދުވަހު އެވަޓަން ބަލިކޮށް ލިވަޕޫލަށް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ޔަގީންކުރެވޭނެ އެވެ.