11 ޖޫން 2020 - 11:54

ރައްޔިތުންގެ މަޖިލީހުގެ ފުލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ކުއްލި ގޮތަކަށް އެޖެންޑާކުރުމަށް ފަހު މަޖިލީހުން ބޭރުކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނާ މެދު އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނުބަހައްޓަވާ ކަމުގެ ހެއްކެއް ކަމަށް ބުނެ އިދިކޮޅުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
މަޖިލީހުން ބޭރުކޮށްލީ ފުލިދޫ ރަށް ގިރުމުގެ މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވަން ފަޒުލް ހުށަހެޅުއްވި ގަރާރެވެ.
ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅުގައި ތިއްބަސް ރައްޔިތުންގެ ހައްގުގައި އެ ދެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި އެއްބާރުލުން ދެމުން އަންނަ އިރު މަޖިލީހުގެ ތެރެއިން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ކޮށްފަ އެވެ.
މިދިޔަ ފެބުރުއަރީ މަހު ފަޒުލް ހުށަހެޅުއްވި ގަރާރު ކުއްލި ގޮތަކަށް މަޖިލީހުގައި އެޖެންޑާކުރުމަށް ފަހު، ބޭރުކޮށްލި ސަބަބާ މެދު އިދިކޮޅުން ވަނީ ސުވާލު އުފައްދައިފަ އެވެ. މަޖިލީހުގެ ތަޅުމުން އެ ގަރާރު ބޭރުކޮށްލީ ފަޒުލް ޖަލްސާ އަށް ހާޒިރުވެވަޑައިގެން ނެތް ދުވަހެއްގަ އެވެ.
ގަރާރު ކުއްލި ގޮތަކަށް އެޖެންޑާކުރީ ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުން ނެރުނު މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން ނުރުހުންވެ، މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށެވެ.
އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންނާ ގުޅުން ހުރި ގަރާރުތައް އެ ގޮތަށް ބޭރުކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދިޔަ ހުދުމުހުތާރުކަން އިތުރަށް ހާމަވެ އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނާ މެދު އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ.
އެ ގަރާރު ބޭރުކޮށްލުމުގައި ދައްކާފައިވާ ހުއްޖަތަކީ ބަލައިގަންނަ ކަމެއް ނޫން ކަން ފާހަގަކޮށް ބުނީ ގަރާރު ބޭރުކޮށްލީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމައި އެކަން އިއުލާނުކުރި ވަގުތު ކަމަށެވެ. ގަރާރު ހުށަހެޅުއްވި މެމްބަރު މަޖިލީހުގައި ހާޒިރުވެ ނެތަސް ގަރާރު ތަޅުމުން ބޭރުކޮށްލެވޭނެ އެއްވެސް ހަމައެއް މަޖިލީހުގެ ގަވާއިދުން ފެންނަން ނެތް ކަމަށް ބުންޏެވެ.
"ރައްޔިތުންގެ ހައްގުގައި ހާއްސަކޮށް ފެލިދޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި މި ކޯލިޝަންގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން މި ކޯލިޝަންގެ ފަރާތުން އަބަދު ވެސް ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ދާއިރާގެ ރައްޔިތުންނަށް އަރުވަމެވެ. އަދި ހަމަ އެހެންމެ، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި ވެސް މި ކޯލިޝަންގެ ފަރާތުން ބައިވެރިވެ ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުމެ ލިބެމުންދާނެ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
ޝިޔާމަށް އަނިޔާވި ފަހުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައެެއް ނުގަންނަވަ އެވެ.
އެކަމާ ގުޅިގެން ކުރިން ނެރުނު ބަޔާނުގައި ބުނީ ޖަލްސާގައި ބައިވެރިނުވާން ނިންމީ ގާނޫނީ ޒިންމާ އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ނެތުމުން ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި އަނިޔާވެ ހާލުކޮޅު ގޯސްވުމުންނާއި އެ ހަމަނުޖެހުންތަކުގެ ތަހުގީގެއް ފުލުހުން ހިންގަމުން ދިއުމަކީ ވެސް ޖަލްސާގައި ބައިވެރި ނުވާން ނިންމި ސަބަބުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.