އަނުޝްކާ ޝަރުމާގެ "ބުލްބުލް" މި މަހުގެ 24 ގައި
އަނުޝްކާ ޝަރުމާގެ "ބުލްބުލް" މި މަހުގެ 24 ގައި

އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ މަހު ސްޓްރީމްކުރި ކާމިޔާބު ވެބް ސީރީޒް "ޕާޓަލް ލޯކް" އަށް ފަހު، ބަތަލާ އަނުޝްކާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ބުލްބުލް" މި މަހުގެ 24 ގައި ނެޓްފްލިކްސް ސްޓްރީމްކުރާ ގޮތަށް ނިންމައި، އޭގެ ފަސްޓްލުކް ވެސް ދައްކާލައިފި އެވެ.

ނެޓްފްލިކްސް އާއި އަނުޝްކާ ވެސް ޓްވިޓާގައި ހިއްސާކުރި ފަސްޓްލުކްގައި ފެންނަނީ ރަތްވެފައިވާ އުޑުމަތިން ހަނދު ވެސް ބޮޑުކޮށް ފެންނަ އިރު، ޖައްވުގެ ތެރެއިން އަންހެނަކު "އުދުހޭ" ތަނެވެ.

ބިރުވެރި އަދި ސިއްރުން ފުރިގެންވާ ހާދިސާތަކެއް ދައްކުވައިދޭނެ "ބުލްބުލް" ގެ ކާސްޓުންނަކީ އަވިނާޝް ތިވާރީ އާއި ޕައޯލީ ޑާމް އާއި ރާހުލް ބޯސް އާއި ތުރިޕްތީ ދިމްރީގެ އިތުރުން 2018 ގައި އަނުޝްކާ ޕްރޮޑިއުސްކޮށް، ކުޅުނު ބިރުވެރި ފިލްމު "ޕަރީ" ގެ ބަތަލު ޕަރަމްބްރަޓާ ޗެޓަޖީ އެވެ.

އަންވިތާ ދަތު ޑައިރެކްޓްކުރި "ބުލްބުލް" އަކީ އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭ ފުރަތަމަ އުފެއްދުމެވެ. އެމެޒޯނުން ގެނެސްދިން "ޕާޓަލް ލޯކް" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން ވަނީ ހަމަޖެހިފަ އެވެ.

އަނުޝްކާ ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޕަރީ" ގެ އިތުރުން 2017 ގެ "ފިލޯރީ" އާއި 2015 ގެ "އެންއެޗް 10" ހިމެނެ އެވެ. އެ ތިން ފިލްމުގައި ވެސް ބަތަލާގެ ރޯލް ކުޅުނީ އަނުޝްކާ އެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި އަނުޝްކާ ފައިތިލަ ސާބިތުކުރަމުން އަންނަ އިރު 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު، އޭނާ ކުޅެން އެއްވެސް ފިލްމަކަށް ސޮއެއްނުކުރެ އެވެ.