ސެލްޓަ ވީގޯގެ ތަރިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފި
ސެލްޓަ ވީގޯގެ ތަރިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފި

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުން ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކުގައި، ރާއްޖޭން ސްޕޮންސާކޮށްފައިވާ ސްޕެނިޝް ލީގުގެ ސެލްޓާ ވީގޯގެ ކުޅުންތެރިން ބައިވެރިވެއްޖެ އެވެ.

އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ނިއުނޯމަލްގެ ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން ޓޫރިޒަމް ފަށަން މިހާރު ވަނީ ނިންމައިފަ އެވެ. ޓޫރިޒަމް އަލުން ފެށުން ޕްރޮމޯޓްކުރަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހާއްސަ ވީޑިއޯ އެއް ވެސް ވަނީ ދައްކާލައިފަ އެވެ. އިތުރު ވީޑިއޯތައް ވެސް އާއްމުކޮށްފައިވާއިރު، އެ ޕްރޮމޯޝަންތަކަށް ލިބުނު ތަރުހީބު ބޮޑުކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖަހަން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ކޮންމެ ފަރާތަކުން ވެސް ދެނީ އެއް މެސެޖެކެވެ. އެއީ "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" އެވެ.

ސްޕެއިނުގެ ސެލްޓަ ވީގޯ އިން ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވީ ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ފޯވާޑް އިއާގޯ އަސްޕާސް އާއި ބާސެލޯނާގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ރަފީނިއާ އަލްކަންޓްރާ އާއި ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ޑެނިސް ސުއާރޭޒް އަދި ރަޝިއާ ގައުމީ ޓީމުގެ ތަރި ފިޔޯޑޯ ސްމޯލޯފް އެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯއާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ކުޅުންތެރިންގެ ޖާޒީ އާއި ސްޓޭޑިއަމް އަދި ސޯޝަލް މިޑިއާ އެކައުންޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރެ އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ އިޝްތިހާރު ކުރުމަށް ނުވަ ލައްކަ ޑޮލަރު ( 13 މިލިއަން ރުފިޔާ) ސެލްޓަވީގޯއަށް ދޭން ޖެހޭނެ އެވެ. މި އެއްބަސްވުމަކީ އަހަރުން އަހަރަށް ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެކެވެ. މީގެ ތެރެެއިން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ކްލަބްތަކުގައި ވެސް ރާއްޖެ އިސްތިހާރު ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 ގެ އުނދަގޫ ހާލަތަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށަން ކުރާ މަސައްކަތުގައި ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސެލްޓަ ވީގޯ އަކީ ސްޕެއިނުގެ ފުޓްބޯޅައިގައި އެކެޑަމީ ލެވެލްގައި ކާމިޔާބު މަސައްކަތެއް ކުރާ ކްލަބެކެވެ. އެ ކްލަބްގެ ގްރާސްރާޓު ލެވެލްގައި ކުރެވޭ ކާމިޔާބު މަސައްކަތްތަކުގެ ސަަބަބުން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް އުފެދެ އެވެ. ސެލްޓަގެ ޔޫތު ޓީމުތަކުގައި ކުޅެފައިވާ ގިނަ ކުޅުންތެރިން ފަހުން ބޮޑެތި އެހެން ކްލަބްތަކަށް ބަދަލުވެ މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ.

ކޮވިޑް-19 އަށް މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން މިރޭ ފަށާނެ އެވެ. ލީގުގެ 17 ވަނައިގައި އޮތް ސެލްޓަ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.