ކުރީގެ އުސޫލުން އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި
ކުރީގެ އުސޫލުން އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި

އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހަމަހަމަ އުސޫލެއް ހަމަޖެއްސުމަށް ކަމަށް ބުނެ އަލަށް އަމަލުކުރަން ފެށި އުސޫލާ މެދު ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ސާކިއުލާ ރޭ ބާތިލްކޮށް، މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާތީ އެކަމަށް އޮފީސްތަކުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާއިރު ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވެ އެވެ.

އެކަމުގައި އިންސާފުވެރި އަދި ހަމަހަމަ އުސޫލުން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

"އެހެންކަމުން މެއި 16، 2020 ގެ ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑިއާ ބެހޭގޮތުން އެ ސާކިއުލާގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ބަދަލާ ގުޅިގެން މެއި 20، 2020 ގެ ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ،" ސާކިއުލާގައި ވެ އެވެ.

އެކަން ތަފްސީލުކޮށްދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ސާވެންޓުންގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ވަގުތުން ފެށިގެން އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށެވެ. ސިއްހީ ހިދުމަތްތެރިންނަށް ވެސް، ހަ ގަޑިއިރަށް ފަހު މަސައްކަތްކުރާ ކޮންމެ ވަގުތަކީ އިތުރު ގަޑީގެ ގޮތުގައި ފައިސާ ލިބޭނެ ވަގުތު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށެވެ.

ފިނޭންސްގެ މި ނިންމުން ވީ ކޮވިޑް-19 އާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުމަށެވެ. އެއީ ބޭއިންސާފު ނިންމުމަކަށް ވާތީ އެ ނިންމުން މުރާޖައާކޮށްދިނުމަށް ގޮވާލަމުން ދަނިކޮށް އެ މިނިސްޓްރީން ފަހުން ވަނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހަށް އިތުރު ގަޑީގެ ފައިސާ ދޭނީ ކުރީގެ އުސޫލުން ކަމަށް ބުނެފަ އެވެ.

ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލު ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެކަން ބަލައި ދިނުމަށް ގާނޫނީ ވަކީލަކު ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައި ވެ އެވެ. އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް ހައްވާ ޝަފީއާ ރިޒާ، މަޖިލީހުގެ ރައީސް، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ސާކިއުލާގައި، އިއުލާންކޮށްފައިވާ ބަދަލުތަކުގައި ގާނޫނާ ޚިލާފު، ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.