މި ފޮޓޯ ނުނެގުނު ނަމައޭ ހިތަށް އަރާ!
މި ފޮޓޯ ނުނެގުނު ނަމައޭ ހިތަށް އަރާ!

މި ފޮޓޯ އަކީ ގޯރަވް އަގްރަވާލާއި އަންހެނުން ފިނިކޮށްލަން ޕާކަކަށް ދިޔަ ދުވަހެއްގައި ނަގާފައިވާ ފޮޓޯއެކެވެ. ގުދުރަތީ ހިތްގައިމު މަންޒަރެއް ފެންނަ މި ފޮޓޯ ނަގާފައި ވަނީ އެމެރިކާގެ ސެން ޑިއޭގޯ މޮންޓާނާގެ ގްލޭޝިއާ ނެޝަނަލް ޕާކްގެ އެސްޓީ މޭރީ ލޭކްގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މި ފޮޓޯ ނުނެގުނު ނަމައޭ ހިތަށް އަރާ!
މި ފޮޓޯ ނުނެގުނު ނަމައޭ ހިތަށް އަރާ!

ފޮޓޯ އަކީ އިރުއޮއްސެމުން ދަނިކޮށް އުޑުމަތި ވެސް ބަނަ ދުވަހެއްގައި ނެގި ފޮޓޯއެކެވެ. އޭގައި ފެންނަނީ ވަށައިގެން ހުރި ފަރުބަދަތަކެއްގެ މެދުގައި އޮތް ފެންގަނޑެކެވެ. ގަސްތަކެއް ވެސް ފެނެ އެވެ. މި ފޮޓޯ "ބޮޑު މައްސަލައަކަށްވީ" ގެ މީގެ ކުލަތައް ހުރި ގޮތުން، އެންޑްރޮއިޑް 10 ގެ ފޯނެއްގެ ވޯލްޕޭޕަރަށް ލައިފި ނަމަ ފޯނަށް މައްސަލަ ޖެހޭތީ އެވެ.

މި ވާހަކަ ފެންމަތިވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެގޮތުން، އައިސް ޔުނިވާސް ކިޔާ މީހަކު ވަނީ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް، އެ ފޮޓޯ ވޯލްޕޭޕަރަކަށް ނުލާން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އޭނާގެ އެ ވާހަކަ ފަހުން ބައެއް ޓެކް ކުންފުނިތަކުން ތިލަކޮށްދީ، ފޮޓޯގެ ސަބަބުން ފޯނަށް ދިމާވާ މައްސަލަ ވެސް ކިޔައިދީފައިވެ އެވެ. ފޮޓޯ ވޯލްޕޭޕަރަށް ލައިފި ނަމަ އެންމެ ފުރަތަމަ ދިވާމާ ކަމަކީ ފޯނު ނިވިފައި ޖެއްސުމެވެ.

އާންމުކޮށް ގޯރަވް ނަގާ ގޮތަށް ނެގި ފޮޓޯ ވެފައި ވަނީ ވަރަށް ގިނަ ބަޔަކަށް "ބިރަކަށެވެ." އެ ވާހަކަ އެތައް މީޑިއާއަކުން ވެސް ގެނެސްދީފައިވެ އެވެ.

ފޮޓޯއާ ބެހޭ ގޮތުން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި، ހޮބީއަކަށް ފޮޓޯ ނަގައި އުޅޭ ސައިންސްޓިސްޓް ބުނީ އޭނާގެ އެ ފޮޓޯ އަކީ ނުރައްކަލަކަށް ވެދާނެކަމަށް އެއްވެސް ގޮތަކަށް ހީނުކުރާ ކަމަށެވެ. އެކަމަކު އެ ފޮޓޯ ސޯޝަލް މީޑިއާ އާއި މާސް މީޑިއާގައި ދައުރުވެ، އޭގެ ވާހަކަ ދެކެވެން ފެށުމުން ފޮޓޯގެ "ހައިބަތު" އިހުސާސްކުރެވުނު ކަމަށް ބުންޏެވެ.

"އެ ފޮޓޯއަކީ އެހެންޏާ ވެސް ހަމަ އަހަރެން ފޮޓޯ ނަގާ ގޮތަށް ނެގި ފޮޓޯއެއް. އަންހެނުންނާ ހިނގާލަން ނުކުތް ދުވަހެއްގައި ނެގުނު އަހަރެމެންނަށް ވަރަށް ޖާދުވީ ފޮޓޯއަކަށް އޭތިވީ. ސަބަބަކީ ފޮޓޯ ނެގި ވަގުތު މާހައުލު އޮތް ގޮތުން ވެސް މެ،" ގޯރަވް ބުންޏެވެ.

އެކަމަކު އޭނާ އާއި އަންހެނުންނަށް އެހާ ރީތިވި ފޮޓޯ ގިނަ ބަޔަކަށް ނުރައްކަލަށްވުމަކީ ވަރަށް އެހެން ކަހަލަ ކަމެއް ބުންޏެވެ.

"ހަގީގަތުގައި އެ ފޮޓޯ ނެގި އިރަކު ހިތަކަށް ނާރާ މިއީ ބަޔަކަށް ގެއްލުމެއް ވެދާނެ ފޮޓޯއަކަށް ވެދާނެ ކަމަކަށް." އޭނާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް ބަޔަކަށް ގެއްލުމެއް ދިނުމުގެ ނިޔަތެއް ފޮޓޯ ނެގި އިރަކު ނެތް. އެކަމަކު އެހެންވީތީ ހިތާމަކުރަން."

ގޯރަވް ބުނިގޮތުގައި ފޮޓޯ ނެގީ އޭނާ ގެންގުޅޭ ނިކޯން ކެމެރާއިންނެވެ. އަދި ލައިޓްރޫމުން ސޮފްޓްވެއާ އިން ފޮޓޯ ކުޑަކޮށް އެޑިޓްކުރި ކަމަށް ބުންޏެވެ.

"އެ ނޫން ވެސް އިތުރު އެއްވެސް ބަދަލެއް ފޮޓޯއަކަށް ނުގެންނަން،" ނަގާ ފޮޓޯތައް އާންމުކޮށް ފްލިކާ އަށް އަޕްލޯޑްކުރާ ގޯރަވް ބުންޏެވެ.

އެ ފޮޓޯއާ ބެހޭ ގޮތުން، 9ޓު5ގޫގުލްގައި ބުނި ގޮތުގައި ވޯލްޕޭޕަރަކަށް ފޮޓޯ ހެދުމުން ފޯނަށް މައްސަލަ ޖެހެނީ އެންޑްރޮއިޑްގެ ހުރި ބަގެއްގެ ސަބަބުން ފޮޓޯގެ ކުލަތައް ފޯނުގެ ސެޓިންތަކަށް ފިޓްނުވާތީ އެވެ.

ފޮޓޯގައި ބޭނުންކޮށްފައި ވަނީ އާރްޖީބީ ކަލަ ކޯޑަށްވެފައި އެންޑްރޮއިޑްގެ ފޯނުތަކަކީ އެސްއާރްޖީބީ ކަލަ ކޯޑެވެ. އެހެންވެ މައްސަލަ ދިމާވަނީ އެވެ.

މިކަމަށް އިޝާރާތްކޮށް ގޯރަވް ބުނީ ދެން ފޮޓޯ ނަގާއިރާއި ފޮޓޯތައް އެޑިޓްކުރާ އިރު، ބޭނުންކުރެވޭ ފޯމެޓްތަކާ ދޭތެރޭ ވަރަށް ސަމާލުވާނެ ކަމަށެވެ.

"އަހަރެން އަބަދު ވެސް އުންމީދުކުރަނީ ނަގާ ފޮޓޯތައް ވައިރަލް ވަނީ ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށްވެގެން ކަމަށް،" ގޯރަވް ބުންޏެވެ. "އެކަމަކު މި ފަހަރު ދިމާވީ އޭގެ އިދިކޮޅު. އެހެންވެ ކުރިއަށް އޮތް ތަނުގައި ދެން ފޮޓޯގްރަފީއާ ދޭތެރޭ މާ ބޮޑަށް ސަމާލުވާނަން."