ބައްޕަ އަނިލް ކަޕޫރްގެ "އޭކޭ ވާސަސް އޭކޭ" ގައި ހާޝްވަރުދަންގެ ރޯލެއް
ބައްޕަ އަނިލް ކަޕޫރްގެ "އޭކޭ ވާސަސް އޭކޭ" ގައި ހާޝްވަރުދަންގެ ރޯލެއް

ކުޅުނު ދެ ފިލްމު ވެސް ބެލުންތެރިން ބަލައިނުގަތް އަދި މިހާތަނަށް މާ ބޮޑު މަޝްހޫރުކަމެއް ވެސް ލިބިފައި ނުވާ ޒުވާން އެކްޓަރު ހާޝްވަރުދަން ކަޕޫރް، އޭނާގެ ބައްޕަ އަނިލް ކަޕޫރް ނެޓްފްލިކްސް އަށް ކުޅޭ ފިލްމު "އޭކޭ ވާސަސް އޭކޭ" ގެ ރޯލަކުން ފެންނާނެ ކަމަށް ބުނެފި އެވެ.

އަނިލްގެ ހަމައެކަނި ފިރިހެން ދަރިފުޅު ހާޝް، 29، ބޮލީވުޑަށް ނުކުތީ 2016 ގައި އޯމް ޕްރަކާޝް މެހެރާ ގެނެސްދިން "މިރުޒިޔާ" އިންނެވެ. އަދި އޭނާގެ ދެވަނަ ފިލްމަކީ 2018 ގައި ޑައިރެކްޓަރު ވިކްރަމަދިތިޔާ މޮޓްވާނޭ ގެނެސްދިން "ބަވޭޝް ޖޯޝީ: ސުޕަހީރޯ" އެވެ.

ހާޝް ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފުރަތަމަ ދެ ފިލްމު ބޮޑުތަނުން ފެއިލްވުމަކީ މައްސަލައެއް ނޫން ކަމަށާއި ކެރިއަރު އަދި ކުރިއަށް އޮތީ ކަމަށް ބުންޏެވެ. އެގޮތުން ބައްޕަ އަނިލް އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު/އެކްޓަރު އަނޫރާގް ކެޝަޕާ އެކު ހަދާ ފިލްމު "އޭކޭ ވާސަސް އޭކޭ" ގެ ރޯލަކުން ފުރުސަތު ލިބިފައިވާ ކަމަށް ބުންޏެވެ. އެކަމަކު އެއީ އެހާ ބޮޑު ރޯލެއް ނޫން ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ވެސް ފަށާފައި އޮތް "އޭކޭ ވާސަސް އޭކޭ" އަކީ ޑައިރެކްޓަރަކު ފިލްމީ ތަރިއެއްގެ ދަރިއަކު ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ހާޝް ބުނީ އެ ފިލްމުން އޭނާ އަށް ލިބުނު ކުޑަކުޑަ ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބައްޕައާ އެކު މަސައްކަތްކުރުމަކީ ތަފާތު ތަޖުރިބާއެއް ކަމަށް ބުންޏެވެ.

"މަސައްކަތްކުރާ އިރު އަހަރެން އަނިލް ނުދެކެން ބައްޕައެއް ގޮތަކަށް. އަހަރެން ދެކެނީ ކޯ-އެކްޓަރެއް ގޮތަށް." ހާޝް ބުންޏެވެ.

ހާޝް އާއި އަނިލް ވަނީ އެހެން ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ އޮލިމްޕިކްސްގެ ވާދަކޮށްފައިވާ އިންޑިއާގެ ކުރީގެ ޝޫޓަރު އަބިނާވް ބިންދުރާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އޭގައި ހާޝް، އަބިނާވްގެ ރޯލް ކުޅޭ އިރު، އަނިލް ފެނިގެންދާނީ އޭނާގެ ބައްޕަގެ ރޯލުންނެވެ. މީގެ ތިން އަހަރު ކުރިން އިއުލާންކުރި މި ފިލްމު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ.

"އަހަރެން ވަރަށް އުންމީދުކުރަން އަބިނާވް ބައޮޕިކުން ކެރިއަރު އެއްކޮށް ބަދަލުކޮށްލާނެ ކަމަށް." ހާޝް ބުންޏެވެ.

އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބަވޭޝް ޖޯޝީ" ގެ ސީކްއެލް އާއި އަނޫރާގް ޑައިރެކްޓްކުރާ ޕީރިއަޑް ތުރިލާއެއް ހިމެނެ އެވެ.